މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކުގެ ލަވަ މުބާރާތް އަލުން ވަރުގަދައަށް ފަށަނީ

އިންޓަ ސްކޫލު ލަވަ މުބާރާތް އަހަރުތަކަކަށް މެދު ކެނޑުމަށްފަހު އަލުން ވަރުގަދައަށް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އިންޓަ ސްކޫލު ލަވަ މުބާރާތް ބޭއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އާޓްސް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. އާޓްސް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން އެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލެވިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި މުބާރާތް އަހަރަކު އެއްފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 16 އިން 24 އަށެވެ.

އިންޑިވިޖުއަލް ޕާފޯމަންސްގައި ވާދަކުރާނީ ދެ ބަޔަކަށް ބަހާލެވިގެން ޖުމްލަ ހަ އުމުރު ފުރައެއްގަ އެވެ. އެއީ ޖޫނިއާ ގްރޫޕާއި ސީނިއާ ގްރޫޕެވެ.

ޖޫނިއާ ގްރޫޕުގައި ވާދަކުރާނީ ހަ އަހަރުން ދަށާއި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާތަކުގެ ދަރިވަރުންނެވެ.

ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ދަރިވަރުންނެވެ.

އިންޓަ ސްކޫލު ލަވަ މުބާރާތުން އުފެދުނު ބައެއް ލަވަކިޔުންތެރިން ރާއްޖޭގެ މިއުޒިކީ ދާއިރާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ސްކޫލުތަކުގެ ލަވަ މުބާރާތް ކުރިއަށް ދިޔައިރު ސްކޫލުތަކާއި އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް އެ މުބާރާތަށް ލިބުނެވެ.