ކެބިނެޓް

ތިން ވަޒީރުން ގަތަރުގައި، ކޮން ކަމެއް؟

Aug 15, 2022
1

ރާއްޖޭގެ ތިން ވަޒީރުން ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް ނިންމަވާލެއްވި ފަހުން ދަތުރުފުޅުގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފި އެވެ.

ގަތަރަށް ވަޑައިގެންނެވީ ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އާއި، ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ރަސްމީ ދަތުރުފުޅުގައި ތިން ވަޒީރުން ގަތަރަށް ވަޑައިގެންނެވި ކަން އިއްޔެ އެންމެ ފުރަތަމަ ހާމަކުރީވެސް ގަތަރުގެ ގައުމީ ލައިބްރަރީގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގަ އެވެ. އޭގެ ކުރިން މިދަތުރުގެ އެއްވެސް މައުލޫމާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ތިން ވަޒީރުން ގަތަރަށް ވަޑައިގެންނެވީ އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ އަލް ކުވާރީގެ ދައުވަތަކަށެވެ. އެހެންވެ މިދަތުރުގެ ކަންކަން އިންތިޒާމު ކުރީ އުރީދޫންނެވެ.

ވަޒީރުންގެ މިދަތުރުފުޅާ ގުޅޭގޮތުން ވަޒީރުން ނިސްބަތްވާ ވުޒާރާތަކާ ގުޅައިގެން މައުލޫމާތު ސާފުކުރަން އިއްޔެ އާއި މިއަދު ކުރި މަސައްކަތްތަކާއި ގުޅިގެން ވަޒީރުންގެ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް ނިންމާލެއްވި ފަހުން މައުލޫމާތު ހިއްސާކުރީ ޓެކްނޮލޮޖީ މިނިސްޓްރީންނެވެ.

އެ މިނިސްޓްރީން ބުނީ ވަޒީރުންގެ ދަތުރުފުޅަކީ ގަތަރާއި ރާއްޖެއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން އިންތިޒާމް ކުރެވުނު ދަތުރެއް ކަމަށެވެ. އެކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު، ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ އެހީގައި މުއްސަނދިކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ގަތަރުގެ މުހިއްމު މުއައްސަސާތަކުގެ ވެރިންނާއި ވަޒީރުން ބައްދަލުކުރައްވާ މަޝްވަރާކުރެއްވި ކަމަށްވެސް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެ އެވެ.

ވަޒީރުންގެ މިދަތުރުފުޅުގައި އެ ބޭފުޅުން ވަނީ ގަތަރުގެ ތިމާވެއްޓާ ބެހޭ ވަޒީރާއި، ޓެކްނޮލޮޖީ ވަޒީރުގެ އިތުރުން މާލީ ވަޒީރާ ބައްދަލުކުރައްވާފަ އެވެ. މީގެއިތުރުން ގަތަރުގައި ހުންނަ އުރީދޫ ގުރޫޕްގެ ހެޑް އޮފީހަށް ޒިޔާރަތްކުރައްވާ އެތަނުގެ އިސްވެރިންނާއި ގަތަރުގެ ގައުމީ ކުތުބުހާނާ އަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާ ވެސް ވަޒީރުން ބައްދަލުކުރައްވާފައިވެ އެވެ. އަދި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ.