ޑރ. އައިޝަތު އަލީ

އިންޓަނެޓް ހެޔޮ އަގުތަކާ އެކު ދަރިވަރުންނަށް ފަައިދާތަކެއް ލިބޭނެ: މިނިސްޓަރު

May 27, 2021
1

އިންޓަނެޓްގެ އަގުތައް ހެޔޮކުރުމާ ގުޅިގެން މުދައްރިސުންނާއި ދަރިވަރުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އިންޓަނެޓްގެ އަގު ހެޔޮކުުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ސަރުކާރަށް ދެ އަހަރާ ބައި ފަހުން ވައުދު ފުއްދުމުގެ ގޮތުން މިއަދު ވަނީ އިންޓަނެޓްގެ ހެޔޮއަގު އިއުލާންކޮށްފަ އެވެ.

"ނެޓްހެޔޮ"ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮ އަގު ލިބެން ފަށާނީ ޖުލައި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައިވާނީ އޮގަސްޓް މަހުން ފެށިގެންނެވެ.

މިކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓްގެ އަގުތައް ހެޔޮކުރުމާ ގުޅިގެން މުދައްރިސުންނާއި ދަރިވަރުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިންޓަނެޓް އަގުތަކަށް މިއަދު ގެނައި ބަދަލުތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަންވެސް މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ގެނެވުނު ބަދަލުތަކާ އެކު ދަރިވަރުންގެ އޮންލައިން ކްލާސްތަކަށް ހުއްޓުމެެއް ނައިސް ކުރިއަށްދާނެ ކަމަށެވެ. އަދި މުދައްރިސުންނާއި ދަރިވަރުންނަށް ކުރިއަށް ވުރެ ރަނގަޅަށް މުއާމަލާތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"[ސަރުކާރުގެ] މި އިސްނެގުމާއި ގުޅިގެން މުސްތަގުބަލުގައި ހެޔޮ ބަދަލުތަކެއް ފެންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑް ދެ އެމްބީޕީއެސް

އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. އަންނަ ޖުލައިއިން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސް އެވެ. މީގެ އިތުރުން 300ރ. އަށްވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސް އަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޑު ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެ އެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެ އެވެ.

އަގަށް ގެނައި ބަދަލާއެކު ތިން ޕެކޭޖެއް

250ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 5 އެމްބީޕީއެސް، ޑޭޓާ 30 ޖީބީ (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
500ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 15 އެމްބީޕީއެސް، ޑޭޓާ 100 ޖީބީ (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
700ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 25 އެމްބީޕީއެސް، ޑޭޓާ 200 ޖީބީ (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)


އަގަށް މި ގެނައި ބަދަލާއެކު މޮބައިލް އިންޓަނެޓުގެ އަގު ވެސް ހެޔޮ ވެގެންދާނެ އެވެ. ޕްރިޕެއިޑް އާއި ޕޯސްޓްޕެއިޑް ޑޭޓާ އެލަވަންސް އަދި މޮބައިލް ބްރޯޑްބޭންޑުގެ އެލަވަންސް 20 ޕަސެންޓާ ހަމައަށް އިތުރު ވެގެންދާނެ އެވެ.