މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކެންދޫ ސުކޫލް އެއްދަންފަޅިއަށް ބަދަލުުކޮށް ކިޔަވައިދޭން ފަށައިފި

ބ. ކެންދޫގައި އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައި ކެންދޫ ސްކޫލު އެއްދަންފަޅިއަށް ބަދަލުކޮށްފި އެވެ.

ކެންދޫ ސްކޫލުގައި އަލަށް ހެދި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކެންދޫ ސުކޫލަކީ 252 ދަރިވަރުންނާ އެކު ގުރޭޑް 10 އަކާ ހަމައަށް ކިޔަވައިދެމުންދާ ސުކޫލެކެވެ.

ކެންދޫ ސުކޫލްގެ ޕުރިންސިޕަލް އަމްޖަދު ހުސައިން މިއަދު އަވަސް އަށް ވިދާޅުވީ އެ ސުކޫލް އެއްދަންފަޅިއަށް ބަދަލުކުރުމަކީ ވަށާޖެހޭ ތައުލީމެއްގެ ފެށުން ކަމަށް ވެގެންދާނެ ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިކަމުގެ ސަބަބުން ބެލެނެވެރިންނަންވެސް އަދި ސްކޫލުގެ މުވައްޒަފުންނަށްވެސް ފަސޭހަތަކެއް ލިބި ސުކޫލުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރިއަށް ވުރެ ތަނަވަސް ފުރުސަތުތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ ކުރިން ވަރަށް ގިނަ އުނދަގޫތައް ހުރި. އޭރު އިތުރު އެއްވެސް ހަރަކާތެއްވެސް ރަނގަޅަކަށް ނުބޭއްވޭ،" އަމްޖަދު ވިދާޅުވި އެވެ.

އަމްޖަދު އިތުރަށް ވިދާޅުވީ ކެންދޫ ސްކޫލުގައި ސައިންސް ލެބެއް ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.