މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކިޔަވައިދޭ ކަމަށް ބުނި ދެ ސެޓެލައިޓް ސްކޫލު ހުރީ ބަންދުކޮށްފައި

މިއަހަރުގެ ދިރާސީ އާ އަހަރު އިތުރު ހަތަރު ރަށެއްގައި ސެޓަލައިޓް ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފެށިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނިނަމަވެސް އޭގެ ތެރެއިން ދެ ސްކޫލެއްގައި ކިޔަވައިދޭން ނުފަށާކަން އެނގިއްޖެ އެވެ.

ދިރާސީ އާ އަހަރާ އެކު ސެޓަލައިޓްކޮށް ކިޔަވައިދޭން ފަށާފައިވާ އިތުރު ރަތްތަކަކީ ވ. ރަކީދޫ ސްކޫލާއި، ބ. ފުޅަދޫ ސްކޫލާއި، ގއ. ކޮނޑޭ ސްކޫލުގެ އިތުރުން އދ. ދިއްދޫ ސްކޫލެވެ.

ދިއްދޫ ކައުންސިލްގެ މެންބަރު ރުގިއްޔާ ހުސައިން އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިއްދޫ ސްކޫލުގެ ކިޔެވުން ނުފެށެނި ލަސްވަނީ ކުލާސް ރޫމްތަކަށް ބޭނުންވާ ކަރަންޓްގެ ހިދުމަތާ ފެނުގެ ހިދުމަށް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. ފެން ނަގަން ހަދާފައިވާ ވަޅުން ނަގާ ފެނުން ނުބައިވަސް ދުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަސްލުގައި އެވަޅުގެ ފެނަކީ ބޭނުންކުރަން އެކަށީގެންވާ ފެނެއްވެސް ނޫން،" ރުގިއްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރޭޑް 8 ގައި ހަ ކުދިން ތިބިއިރު ދިރާސީ އާ އަހަރާ އެކު އެ ކުދިންނަށް ފޮތްތައް ވެސް ހަމަނުވާ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގައި ސްކޫލުގެ ކަންކަން ރަގަޅުކޮށްދިނުމަށް އެދެމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށާއި މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދިއްދޫ ސްކޫލުގައި ކިޔެވުން ނުފެށި ލަސްވާ ސަބަބާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ދިރާސީ އާ އަހަރާއެކު ސެޓްލައިޓްކޮށް ކިއަވައިދިނުން ފެށިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ވ. ރަކީދޫ ސްކޫލުގައި ވެސް ކިޔެވުން ނުފެށޭ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ރަކީދޫ ކައުންސިލްގެ ރައީސް އަހްމަދު މުހައްމަދު ވިދާޅުވީ ރަކީދޫ ސްކޫލުގައި ކިޔެވުން ނުފެށި ލަސްވަނީ ސްކޫލެއްގައި ހުންނަންޖެހޭ ވަސީލަތްތައް ނެތުމުން ކަމަށެވެ.

"ހަގީގަތުގައި ދިރާސީ އާ އަހަރަށް ސްކޫލު މުޅިން ނިމިފައިވާ ކަމަކަށްވެސް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ރަކީދޫ ސްކޫލުގައި ކިޔެވުން ނުފެށި ލަސްވަނީސްކޫލަށް ވަންނަން ބޭނުންވާ ބައެއް ކުދިންގެ އުމުރު ހަމަނުވާތީ ކަމަށެވެ. ނަމަވެސް ރަކީދޫ ކައުންސިލުން އެ ވާހަކަތައް ދޮގުކުރެ އެވެ.

ސެޓަލައިޓް ސްކޫލުތަކުގެ ކިޔެވުމުގެ އެންމެހާ ކަމެއްް ކުރަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ޓީޗަރުންނެވެ. ނަމަވެސް ކިޔަވައިދޭ ގަޑިތަކުގައި ސެޓްލައިޓް ސްކޫލުތައް ހިމެނޭ ރަށްރަށުގެ ސްކޫލުތަކުގައި ދަރިވަރުން ކައިރީގައި އެހީތެރިވުމަށް ޓީޗަރުން ވެސް ތިބޭނެ އެވެ.

ނިމިގެން ދިޔަ ދިރާސީ އަހަރުގައި ސެޓަލައިޓްކޮށް ކިޔަވައިދޭން ފެށީ ބ. ފެހެންދު އާއި ވ. ތިނަދޫ ސްކޫލު ގައެވެ.