އދ. ދިއްދޫ ސުކޫލަށް ފެނާއި ކަރަންޓްގެ ހިދުމަތް ލިބުމާ އެކު ސުކޫލުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ދިއްއްދޫ ކައުންސިލްގެ މެންބަރު އުއްމުހާނީ ހުސައިން އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދިރާސީ އާ އަހަރާ އެކު ދިއްދޫ ސްކޫލުގެ ކިޔެވުން ނުފެށި ލަސްވީ ކުލާސް ރޫމްތަކަށް ބޭނުންވާ ކަރަންޓްގެ ހިދުމަތާ ފެނުގެ ހިދުމަށް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ.
"ނަމަވެސް ކުރިން މިދިމާވި މައްސަލަ ހައްލުވުމާ އެކު މިހާރު ސުކޫލުގެ ކިޔެވުން ވަނީ ފެށިފައި،" އޭނާ ވިދާޅުވި އެވެ.
އދ. ދިއްދޫ ސްކޫލަކީ މިއަހަރުގެ ދިރާސީ އާ އަހަރާ އެކު ސެޓެލައިޓް ސްކޫލެއްގެ ގޮތުގައި ކިޔަވައިދޭން ފެށި ސްކޫލެކެވެ. މީގެ ސްކޫލުތަކެއްގެ ގޮތުގއި ބ. ފުޅަދޫ، ވ. ރަކީދޫ އަދި ގއ. ކޮނޑޭ ސްކޫލު ވެސް މިއަަހަރު ހުޅުވި އެވެ. އެކަމަކު ރަކީދޫގައިވެސް ސްކޫލުގެ މައްސަލަތަކެއް އެބައުޅެ އެވެ.
ސެޓަލައިޓް ސްކޫލުތަކުގެ ކިޔެވުމުގެ އެންމެހާ ކަމެއްް ކުރަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ޓީޗަރުންނެވެ. އެކަމަކު ކިޔަވައިދޭ ގަޑިތަކުގައި ސެޓްލައިޓް ސްކޫލުތައް ހިމެނޭ ރަށްރަށުގެ ސްކޫލުތަކުގައި ދަރިވަރުން ކައިރީގައި އެހީތެރިވުމަށް ޓީޗަރުން ވެސް ތިބޭނެ އެވެ.
އާބާދީގައި 100 ހަމަވާ ދިއްދޫ ސުކޫލުގައި މިވަގުތު ކިޔަވަމުން ދަނީ 22 ދަރިވަރުންނެވެ.
ކައުންސިލަރު އުއްމުހާނީ ހުސައިން ވިދާޅުވީ ސުކޫލުގެ ފެނާ ކަރަންޓުގެ މައްސަލަ ހައްލުކުރީ މިދިޔަ ހުކުރު ހޮނިހިރު ކުރެވުނު މަސައްކަތުން ކަމަށެވެ. ސުކޫލުގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެރަށަށް ކުރެއްވި ދަތުރުފުޅުގައި ސުކޫލަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ކައުންސިލުން ހިއްސާ ކުރުމުން ސްޓެލްކޯ އިން ކަމުގައިވެސް ވިދާޅުވި އެވެ.
"ސުކޫލަށް ދިމާވި މައްސަލަތައް ހައްލުކޮށް ދިނުމަށް އެކި ފަހަރުމަތިން އެޑިޔުކޭޝަން މިނިސްޓްރީގައި އެދުނީމާވެސް އެކަމަށް ހައްލެއް ލިބިފައެއް ނެތް،" އުއްމު ވިދާޅުވި އެވެ.
ދިއްދޫ ސުކޫލަށް ކުދިން ކިޔަވަން ނުފޮނުވީ ކަމަށް ބުނެ އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ފުލުހުންނަށް މައްސަލައެއްވެސް ހުށަހެޅި އެވެ.