ތިން ރަށެއްގައި ސެޓެލައިޓް ސްކޫލް އަންނަ ޖެނުއަރީގައި ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް މިއަދު ވިދާޅުވީ ސެޓެލައިޓް ސްކޫލްތައް ހުޅުވަން ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ވެސް ހޯދާފައިވާ ކަމަށެވެ. ސެޓެލައިޓް ސްކޫލް ހަދަނީ ބ. ފެހެންދޫ އާއި ވ. ރަކީދޫ އަދި ވ. ތިނަދޫގަ އެވެ.
އޭނާ ވިދާޅުވީ އަންނަ ޖެނުއަރީއަށް ސެޓެލައިޓް ސްކޫލްތައް ހުޅުވަން ނިންމާފައިވި ނަމަވެސް ވަކި ދުވަހެއް އަދި ނެތް ކަމަށެވެ.
ސެޓެލައިޓް ސްކޫލުތައް ހުޅުވުން މިދިޔަ މަހު 24 އަށް ޝެޑިއުލް ކުރި ނަމަވެސް އެ މަސައްކަތް އަންނަ އަހަރަށް ފަސްވީ މި އަހަރުގެ ފުރަތަމަ ޓާމް ނިމޭތީ އެވެ.
ފެހެންދޫގައި ސެޓެލައިޓް ސްކޫލު ގާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ކޭޑީ އެންޓަޕްރައިސަސް އަށެވެ. ތިނަދޫއާއި ރަކީދޫގައި ސެޓެލައިޓް ސްކޫލު ހެދުމަށް ހަވާލު ކޮށްފައި ވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ. ތިނަދޫ އާއި ފެހެންދޫ ސްކޫލަށް އެއް މިލިއަން އަދި ރަކީދޫ ސްކޫލަށް ދެ މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.
ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ސްކޫލް ވެސް ނެތް ރަށްތެކެވެ.
ސެޓެލައިޓް ސްކޫލު ހަދާ ރަށްތަކުގައި ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވައިދޭން ފަށާއިރު ވަސީލަތްތަކާއި މުދައްރިސުން ތިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެހެން ރަށްތަކުގެ ސްކޫލުތަކާ ގުޅިގެން ދަރިވަރުންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަަމަޖެއްސުމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.