މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސެޓެލައިޓް ދެ ސްކޫލްގައި ކިޔެވުން ފަށައިފި

ބ. ފެހެންދޫ އަދި ވ. ތިނަދޫގައި ސަރުކާރުން ގާއިމުކުރި ސްޓެލައިޓް ސްކޫލްތަކުގައި ކިޔަވައިދޭން ފަށައިފި އެވެ.

ސެޓެލައިޓް ސްކޫލް މި ދެ ރަށުގެ އިތުރުން ވ. ރަކީދޫގައި ވެސް އަންނަނީ ގާއިމްކުރަމުންނެވެ.

ވ. ތިނަދޫގައި ގާއިމްކުރި ސެޓެލައިޓް ސްކޫލްގައި ފަސް ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ދެ ސެން ކްލާސް ދަރިވަރުން ވެސް ހިމެނެ އެވެ. އެ ކުދިންނަށް ހާއްސަ ފާހާނާ ވެސް އެ ސްކޫލްގައި ވަނީ ގާއިމްކޮށްފަ އެވެ.

ބ. ފެހެންދޫ ސެޓެލައިޓް ސްކޫލްގައި 27 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުންޏެވެ. އެ ސްކޫލްގައި ސެޓެލައިޓް ސްކޫލް ގާއިމްކުރުމާއެކު ކަނޑު ހުރަސްކޮށް ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުން ވަނީ ނިމުމަކަށް އައިސްފަ އެވެ.

ސްކޫލު ބަންދުކުރިތާ 13 އަހަރުވެފައިވާ ވ. ރަކީދޫގެ ސެޓެލައިޓް ސްކޫލް އަދި ނުނިމޭ ކަމަށް އެރަށު ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އެ ސްކޫލް ގާއިމްކުރަން ހަވާލުކުރި ކޮންޓްރެކްޓަރު، އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް މަސައްކަތް ކުރަމުން ދިޔައީ ކޮންޓްރެކްޓާ ހިލާފަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީ އިން މިހާރު ވަނީ ކޮންޓްރެކްޓް ބާތިލްކޮށްފަ އެވެ.

ދެ ކްލާސްރޫމް ހިމެނޭހެން ގާއިމްކުރާ އެ ސްކޫލްގެ ވަށައިފާރު މިހާރު ވަނީ ނިންމައިލާފަ އެވެ. ވަރަށް އަވަހަށް އާ ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލްގައި ކިޔެވުމަށް އެންމެ ފުރަތަމަ 20 ކުދިން ނަން ނޯޓު ކުރި އެވެ. އެކަމަކު ރަށުގެ ރައްޔިތުން އެކި ރަށްރަށުގައި ތަންތަން ކުއްޔަށް ނަގައިގެން އުޅޭތީ، އަދި އެ ސްކޫލް ނުނިމި އުޅެނިކޮށް ދެ ވަނަ ޓާމުގެ ކިޔެވުން ވެސް ފެށޭތީ އެ ލިސްޓުގައި މިހާރު އޮތީ އެންމެ ހަތަރު ދަރިވަރުން ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ކިޔެވުން ފަށައިގަތީމަ އިތުރު ދަރިވަރުން ސްކޫލަށް އަންނާނެ ކަމަށް،" އަބްދުﷲ ވިދާޅުވި އެވެ.

ފެހެންދޫގައި ސެޓެލައިޓް ސްކޫލު ގާއިމު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ކޭޑީ އެންޓަޕްރައިސަސް އެވެ. ތިނަދޫއާއި ރަކީދޫގައި ސެޓެލައިޓް ސްކޫލު ހެދުމަށް ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓަށެވެ. ތިނަދޫ އާއި ފެހެންދޫ ސްކޫލަށް އެއް މިލިއަން އަދި ރަކީދޫ ސްކޫލަށް ދެ މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.

ސެޓެލައިޓް ސްކޫލު ގާއިމްކޮށްފައި ވަނީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ސްކޫލް ވެސް ނެތް ރަށްތަކެވެ.

އެ ސްކޫލްތައް ގުޅާލައިފައި ވަނީ ހުޅުމާލެ ހުރަވީ ސްކޫލާ އެވެ. އޮންލައިންކޮށް ދަރިވަރުން ބައިވެރިވާއިރު، ކިޔަވައިދެމުން ދާނީ އެ ސްކޫލްގެ މުދައްރިސުންނެވެ.