މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރު ހަތަރު ރަށެއްގައި ސެޓަލައިޓް ސްކޫލު ހުޅުވައިފި

ދިރާސީ އާ އަހަރު އިތުރު ހަތަރު ރަށެއްގައި ސެޓަލައިޓް ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށައިފި އެވެ.

މިއަދު ސެޓަލައިޓްކޮށް ކިޔަވައިދޭން ފެށީ ބ. ފުޅަދޫ ސްކޫލުގައި އާއި އދ. ދިއްދޫ ސްކޫލުގައި އާއި ވ. ރަކީދޫ ސްކޫލުގައި އާއި އަދި ގއ. ކޮނޑޭ ސްކޫލު ގައެވެ.

މިސްކޫލުތަކާ އެކު ސެޓަލައިޓް ސްކޫލުގެ ގޮތުގައި މިހާރު ޖުމްލަ ހަ ސްކޫލެއް ދަނީ ހިންގަމުންނެވެ. ނިމިގެން ދިޔަ ދިރާސީ އަހަރުގައި ސެޓަލައިޓްކޮށް ކިޔަވައިދިނީ ބ. ފެހެންދު އާއި ވ. ތިނަދޫ ސްކޫލު ގައެވެ.

ސެޓަލައިޓް ސްކޫލުތަކުގެ ކިޔެވުމުގެ އެންމެހާ ކަމެއްް ކުރަނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ޓީޗަރުންނެވެ. ނަމަވެސް ކިޔަވައިދޭ ގަޑިތަކުގައި ސެޓްލައިޓް ސްކޫލުތައް ހިމެނޭ ރަށްރަށުގެ ސްކޫލުތަކުގައި ދަރިވަރުން ކައިރީގައި އެހީތެރިވުމަށް ޓީޗަރުން ވެސް ތިބޭނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އޮންލައިންކޮށް ކުރިއަށް ގެންދާ އޮންލައިން ކްލާސްތަކާއި ސެޓަލައިޓް ކުލާސްތަކުގައި ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ. އެގޮތުން ސެޓަލައިޓް ސްކޫލުތަކުގައި ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމްތައް ކުރިއަށް ގެންދާނީ ދަރިވަރުން ޝައުގުވެރިވާ ގޮތަށް ފަހުގެ ޓެކްނިކްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ސެޓެލައިޓް ސްކޫލު ހަދާފައިވާ ރަށްތަކަކީ އެ ރަށްތަކުގައި ތައުލީމު ހާސިލްކުރަން ތިބި ދަރިވަރުންގެ އަދަދު މަދުވުމުން އެކަށީގެންވާ އަދަދަށް ކުދިން ނެތް ރަށްރަށާއި ރަނގަޅު ފެންވަރުގެ ސްކޫލެއް ވެސް ނެތް ރަށްތެކެވެ.