ދުނިޔެ

ރޭލެއް ފުރޮޅާލައިގެން 24 މީހުން މަރުވެއްޖެ

Mar 19, 2019

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މުދާ އުފުލާ ރޭލެއް ފުރޮޅާލުމުގެ ސަބަބުން މަދުވެގެން 24 މީހުން މަރުވެ 31 މީހުނަށް އަނިޔާވެއްޖެ އެވެ.

ކަނަންގާގެ 140 މޭލު އުތުރުން، ކަސައި ޕްރޮވިންސްގެ ސަރަހައްދަކުން ދަތުރު ކުރަމުން ދަނިކޮށް އިއްޔެ ފުރޮޅާލި ރޭލުގައި ގިނައީ ރޭލަށް އަރައިގެން ވަގަށް ދަތުރުކުރި މީހުން ކަމުގައި ހަބަރު ލިބެ އެވެ.

"މިހާތަނަށް 24 މީހުންގެ ހަށިގަނޑު ހޯދިފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިން. ރޭލުގެ ގެގަނޑުތައް އަދިވެސް ބަންޑުންޖެހިފައި އޮތުމުން މިއީ އަދި މިހާތަނަށް ފެނިފައިވާ އަދަދު"، އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ޕޮލިސް ރޭލްވޭ އޮފިޝަލެއް ހާމަކުރި އެވެ.

"މި ރޭލަކީ މުދާ އުފުލާ އެއްޗަކަށްވުމުން ގިނަ އަދަދަކަށް ވަގަށް ދަތުރުކުރި މީހުން ތިބީ. ރޭގަނޑުވެ އަނދިރިވެފައި ވުމުން މީހުން ހޯދުމުގެ މަސައްކަތް ވަނީ ވަގުތީގޮތުން މެދުކަނޑާލެވިފަ. ރޭލުގެ ބައެއް ބައިތައް އޮތީ ލޮމްބޭ ކޯރު ތެރެއަށް ވެއްޓިފަ. އަދިވެސް ރޭލުގެ ގިނަ ބައިތައް އޮތީ ފުރޮޅާލި ގޮތަށް"، އެސަރަހައްދުގައި ހަރަކާތްތެރިވި ފަރާތަކުން މައުލޫމާތު ދިނެވެ.

މި ހާދިސާ އެ ގައުމުގެ ނެޝަނަލް ރޭލްވޭ ކުންފުނިން ކަށަވަރު ކޮށްދީފައި ވާއިރު، މެދުތެރޭ ކޮންގޯގައި މަސްދުވަހެއްގެ ތެރޭ މިބާވަތުގެ އެކްސިޑެންޓެއް ހިނގި މިއީ ތިންވަނަ ފަހަރެވެ. މިދިޔަ މަހު ކަލެންޑާ ސްޓޭޝަންގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ފަސް މީހަކުވަނީ މަރުވެފަ އެވެ.

1960 ގެ އަހަރުތަކުތެރޭ އުފައްދާފައިވާ މި ރޭލުތަކާއި އެތަކެތި ދަތުރުކުރަން އޭރު އަޅާފައިވާ ރޭލުދަގަނޑު ތައް ބާވެފައިވުމުގެ ސަބަބުން ރޭލުގެ ނުރައްކާތެރި އެކޮސިޑެންޓުތައް އެސަރަހައްދުގައި ވަނީ އިތުރުވެފަ އެވެ.