ދުނިޔެ

ބަލްޓިމޯ ބުރިޖް މަރާމާތަށް 60 މިލިއަން ޑޮލަރު

މުދާއުފުލާ ކޮންޓޭނަރު ބޯޓެއް ކޮންޓްރޯލު ނުވެ ގޮސް އެމެރިކާގެ ބަލްޓިމޯ ބުރިޖުގައި ޖެހި ބިންދައިގެން ދިއުމުގެ ސަބަބުން ލިބުނު ގެއްލުންތައް މަރާމާތުކޮށް ބްރިޖް ކޮޅަށް ޖެހުމަށް ޖޯ ބައިޑަންގެ ސަރުކާރުން 60 މިލިއަން ޑޮލަރު ހަމަޖައްސައިފި އެވެ.

ބްރިޖުގެ މަރާމާތަށް މި ފައިސާދޫކުރަން މިހާރު ވަނީ އަންގަވާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބްރިޖަށް ލިބުނު ގެއްލުން މަރާމާތުކޮށް ޕްރޮޖެކްޓް މުޅިން ނިންމައި ފުރިހަމަކުރަން ދެ ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ. ނަމަވެސް މިހާރު ބަލަނީ ބްރިޖް ކޮޅަށް ޖަހައި ބޭނުންކުރެވޭ ވަރު ކުރުމަށެވެ.

ހަބަރުތައް ބުނާ ގޮތުން މިއީ އެމެރިކާގައި ވަރަށް ބާރުބޮޑު ބަނދަރެކެވެ. ބްރިޖް ވެއްޓުމުގެ ސަބަބުން މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާފައި އޮތް ނަމަވެސް ވިޔަފާރި މުޅިން ހުއްޓިދާނެ ކަމަށް ރައްކާތެރި ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.

ބްރިޖު ވެއްޓުނު ހާދިސާގައި ހަ މީހަކު ވަނީ މަރުވެފަ އެވެ. މި މީހުން ހޯދަން ކުރި މަސައްކަތް -- ކޯރު މާބޮޑަށް ފިނިވުމުގެ ސަބަބުން ވަނީ ހުއްޓާލާފަ އެވެ.

ޑައިވަރުންނާ ހަވާލާދީ ފުލުހުން ބުނި ގޮތުން ކޯރުގެ ފިނިހޫނުމިން ހުރީ އިންސާނުންނަށް ކެތްކުރެވޭ ވަރުގައެއް ނޫނެވެ.

ބްރިޖުގައި ބޯޓު ޖެހުނުއިރު ކޯރުގެ ފިނިހޫނުމިން ހުރީ އަށް ޑިގްރީ ސެލްސިއަސް ގައެވެ. މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ޑައިވަރުންނަށް ވެސް ހުރަކަށްވީ ކޯރުގެ ފިނިހޫނުމިން މާބޮޑަށް ދަށްވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބޯޓަކީ ސިންގަޕޫރު ދިދައިގެ ދަށުން ދުއްވާ ކޮންޓޭނަރު ބޯޓެކެވެ. ބަލްޓިމޯރު ބަނދަރުން މުދާ ބަރުކޮށްގެން ބޯޓު ދާން އޮތީ ސްރީލަންކާއަށް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މި ބޯޓުގައި 4،700 ކޮންޓޭނަރު ހުރި ކަމަށް އެމެރިކާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން މައުލޫމާތު ދިނެވެ.

ބްރިޖް ވެއްޓުމަކީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ވިދާޅުވީ ބްރިޖްގެ މަރާމާތަށް ކިތަންމެ ބޮޑު ހޭދައެއް ކުރަންވަން ޖެހިވަޑައިގަތް ނަމަވެސް ހުއްދަ ދެއްވާނެ ކަމަށެެވެ.

އެފްބީއައިއާ ގުޅިގެން ތަހުގީގު ޓީމުތަކުން ހާދިސާ ހިނގި ގޮތް ބެލުމަށް ފަހު، ބްރިޖް ވެއްޓުނީ އެކްސިޑެންޓަކުން ކަމަށް ވަނީ ނިންމާފަ އެވެ. އަދި އެއީ ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށްވެސް ވަނީ ނިންމާފަ އެވެ.