ދުނިޔެ

ކޮންޓޭނަރު ބޯޓެއް އަރައި ބްރިޖެއް ވެއްޓި ހަ މަރު

އެމެރިކާގެ ސިޓީއެއް ކަމަށްވާ ބަލްޓިމޯރުގައި މުދާ އުފުލާ ކޮންޓޭނަރު ބޯޓެއް ބޮޑު ބްރިޖަކަށް އަރައި، ހަ މީހަކު ގެއްލިއްޖެ އެވެ.

އޮފިޝަލުން ބުނާ ގޮތުން މި ހަ މީހުން މަރުވެފައިވާ ކަމަށް މިހާރު ވަނީ ނިންމާފަ އެވެ.

ގެއްލުނު ހަ މީހުންނަކީ ކޮންސްޓްރަކްޝަން ޓީމުގެ ހަ މީހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކޮންޓޭނަރު ބޯޓު ބްރިޖުގައި ޖެހުނުއިރު އެ މީހުން ތިބީ ބްރިޖް މަރާމާތުކުރުމުގައި ކަމަށް އޮފިޝަލުން ބުންޏެވެ.

މި ހާދިސާ ހިނގިއިރު ބްރިޖް މަތީގައި ކާރެއް އަދި އިތުރު އެހެން އުޅަނދެއް އޮތްކަން ކަށަވަރެއް ނުވެ އެވެ.

ސެކިއުރިޓީ އޮފިޝަލުން ވިދާޅުވި ގޮތުގައި ނުރައްކާތެރިި ހާދިސާއެއް ހިނގިކަން އިއުލާންކުރުމަށް މުދާއުފުލާ ބޯޓުން މެސެޖް ފޮނުވުމާ އެކު ބްރިޖް މައްޗަށް ވެހިކަލް އެރުން ވަނީ މަނާކޮށްފަ އެވެ.

ބްރިޖުގައި ބޯޓު ޖެހުނުއިރު ކޯރުގެ ފިނިހޫނުމިން ހުރީ އަށް ޑިގްރީ ސެލްސިއަސްގަ އެވެ. މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ޑައިވަރުންނަށް ވެސް ހުރަކަށްވީ ކޯރުގެ ފިނިހޫނުމިން މާ ބޮޑަށް ދަށްވުމެވެ.

ކޯރަށް ވެއްޓި ގެއްލުނު މީހުން ދެން ފެންނާނެ ކަމަަށް އުއްމީދު ނުކުރެވޭ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުންޏެވެ.

ގެއްލުނު މީހުން ހޯދުމަށް އެހާ ފުނަށް ފީނުން ކުޅަދާނަ ނޫން ކަމަށްވެސް ޑައިވަރުންނާ ހަވާލާދީ ކޯސްޓް ގާޑުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ބޯޓަކީ ސިންގަޕޫރު ދިދައިގެ ދަށުން ދުއްވާ ކޮންޓޭނަރު ބޯޓެކެވެ. ބަލްޓިމޯރު ބަނދަރުން މުދާ ބަރުކޮށްގެން ބޯޓު ދާން އޮތީ ސްރީލަންކާއަށް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ބަލްޓިމޯރުގެ މޭޔަރު ބްރޭންޑާން ސްކޮޓް ވިދާޅުވި ގޮތުން އެކްސިޑެންޓް ހިނގި މަންޒަރު ވައްތަރީ ފިލްމީ މަންޒަރަކާ އެވެ. ބްރިޖުގައި ބޯޓު ޖެހުމާ އެކު ދަނގަނޑުތައް ވަޔަށް ބުރައިގެން ދިޔަ ކަަމަށް މޭޔަރު ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މިހާރު ފެންނަން ހުރި ވީޑިއޯ ފުޓޭޖްތަކުން -- އެކްސިޑެންޓް ހިނގި ގޮތް ރަނގަޅަށް ފެނެ އެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުން މި ހާދިސާގައި ބަޔަކު ފަރުވާކުޑަކޮށްފައި ހުރި ކަމަކަށް ނުބެލެވެ އެވެ. މިއީ މިއިން ޒަމާނަކުވެސް ހިނގާފައި ނުވާ ޒާތުގެ އެކްސިޑެންޓެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

އެކްސިޑެންޓް ހިނގި ގޮތް ރަނގަޅަށް ސާފުކުރެވެންދެން ބަނދަރު އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް މޭޔަރު ވިދާޅވި އެވެ.