ދުނިޔެ

"ގެއްލުނު ސަބްމެރީނުން އެކަކުވެސް ސަލާމަތެއް ނުވޭ"

އޭޕްރީލް 15، 1912 ގައި އުތުރު އެޓްލާންޓިކް ކަނޑަށް ޣަރަގުވި މަޝްހޫރު ޓައިޓޭނިކް ދޮށަށް މިދިޔަ އާދީއްތަ ދުވަހު ފީނި ކުޑަ ސަބްމެރީނުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކުވެސް ސަލާމަތް ނުވާ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުނެފި އެވެ.

މި ޚަބަރާ އެކު ޓައިޓޭނިކް ބަލަން ކަނޑުއަޑިއަށް ދަތުރުކުރި ސަބްމެރީންނަށާއި އެއިން ދަތުރުކުރި މީހުންނަށް ވީ ގޮތް ސާފުވެ ޗެޕްޓަރު ނިމުނީ އެވެ.

އެމެރިކާގެ ކޯސްޓް ގާޑުން ބުނާ ގޮތުން އެޓްލާންޓިކް ކަނޑުގެ އެންމެ ފުނަށް ސަބްމެރީން ދަތުރު ފެށި ދުވަހު އަދި އޭގެ ދެގަޑިއެއްހާއިރު ފަހުން -- އަޑުތައް ރެކޯޑްކުރަން ކޯސްޓް ގާޑުން ބޭނުންކުރާ ނިޒާމަކަށް -- އެ ސަރަހައްދުން ބާރު އަޑުފަށްގަނޑެއް ރެކޯޑްކުރެވުނެވެ.

އެއީ ސަބްމެރީން ގޮވި އަޑުކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ޓައިޓޭނިކް ބަލަން ފީނި މީހުންނަށް ވީގޮތެއް ނޭނގި ގެއްލިޖެ ކަމަށް އެ ސަބްމެރީން އޮޕަރޭޓްކުރާ ކުންފުނި -- އޯޝަންގޭޓްސް އެކްސްޕެޑިޝަން އިން އިއުލާންކުރުމާ އެކު މީހުން ސަލާމަތްކުރުމަށް ވަރަށް ގިނަ ގައުމުތަކުން ނުކުތެވެ.

ވަޔާއި ކަނޑުގައި އަދި ފުން ކަނޑަށް ފަރިތަ ޑައިވަރުންގެ ޓީމުތަކުން ކުރި އެއްވެސް މަސައްކަތަކުން މާބޮޑު ކުރިއެރުމެއް ފުރަތަމަ ކޮޅުގައި ނުލިބުނެ އެވެ.

ކޯސްޓް ގާޑު އުޅަނދުތަކުން އޮޓަމެޓިކް ރޮބޮޓުތައް ފީނުވައި ކުރި މަސައްކަތުން ބުރާސްފަތި ދުވަހަށް އަލިވިލުނުއިރު ވަނީ ކުޑަ ސަބްމެރީންނަށް ދިމާވި ހާދިސާ -- އެހެން ބަޔަކަށް ކިޔައިދެވޭ ވަރަށް ހޯދައި މައުލޫމާތު އެއްކޮށްފަ އެވެ.

އެމެރިކާގެ ކޯސްޓް ގާޑުން ބުނާ ގޮތުން ސަބްމެރީން ކަނޑަށް ފެއްތި ދުވަހު އެ އިވުނު އަޑުފަށްގަނޑަކީ އެ އުޅަނދު ގޮވައި ފަޅައިގެން ދިޔަ އަޑެވެ.

ސަބްމެރީން ގޮވަން މެދުވެރިވި ސަބަބެއް ކަމަށް ކޯސްޓް ގާޑުން ބުނަނީ އުޅަނދު ތެރޭގައި ޕްރެޝަރު ކޮންޓްރޯލްކުރާ ނިޒާމު ފޭލިވުން ކަމަށެވެ. އަދި ސަބްމެރީންގެ ޕްރެޝަރު ދަށްވުމުގެ ސަބަބުން ކަނޑުގެ ލޮނުގަޑުން އުޅަނދު ފިއްތާލީ ކަމަށެވެ.

މިކަމަށް ބާރުދޭ ހެކިތަކެއް އެމެރިކާގެ ކޯސްޓް ގާޑުން ވަނީ ހޯދާފަ އެވެ. ސަބްމެރީން ފަޅައިގެން ގޮސް ބުރައިގެން ދިޔަ ބައިތައް -- އުޅަނދުގެ ފަހަތުބައި ވަނީ ހޯދާފަ އެވެ. އެ ތަކެތި ފެނިފައި ވަނީ ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދުން 488 މީޓަރު ފުނުން ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޯސްޓް ގާޑު އޮފިޝަލުން ބުނާ ގޮތުން އިތުރު ބައިތައް ވެސް ވަނީ އެ ސަރަހައްދުން ފެނިފަ އެވެ.

ސަބްމެރީންގައި ޓައިޓޭނިކް ދޮށަށް ދަތުރުކުރި މީހުން ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ބިލިޔަނަރު، ހާމިޝް ހާޑިންގް އާއި ޕާކިސްތާންގެ ވިޔަފާރިވެރިޔާ ޝަހްޒާދާ ދާވޫދު، އޭނާގެ ފިރިހިން ދަރި ސުލައިމާން ދާވޫދު، ސަބްމެރިން ދުއްވަން އިން ފަރަންސޭސި ޕައިލެޓް ޕޯލް ހެންރީ އަދި އޯޝަންގޭޓްސް އެކްސްޕެޑިޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސްޓޮކްޓަން ރަޝް އެވެ.