ދުނިޔެ

އީރާންގެ ރައީސް އާއި ހާރިޖީ ވަޒީރު ދަތުރުކުރެއްވި ހެލިކޮޕްޓަރު އެކްސިޑެންޓްވެއްޖެ

22:11 - އީރާނުގެ ރައީސްގެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން އިޒުރޭލުން ވާހަކަދައްކައިފި އެވެ.

އެ ހާދިސާއާ ހުޅަނގު ގުދުސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޮފިޝަލުންނާ ހަވާލާދީ އިސްރާއީލުގެ ޗެނަލް 13 އިން ވަނީ ބުނެފަ އެވެ.

22:06 - އީރާނުން އެދިއްޖެ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ވިދާޅުވެއްޖެ އެވެ.

އިލްހާމް އަދި ވިދާޅުވީ އިބްރާހީމް ރައީސީއަށް އަލްވަދާއު ދެންނެވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ތަނުން އިވިވަޑައިގެންނެވި ހިތާމަވެރި ޚަބަރުން ހިތްޕުޅަށް ތަދުވެ ވަޑައިގެންފި ކަމަށެވެ.

21:22 - އީރާންގެ ރައީސްގެ ޚަބަރެއް ވަންދެން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ބައްދަލުވުންތައް ކުރިއަށް ދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

21:09 - ރައީސީ އަވަހާރަވެއްޖެ ނަމަ އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން އުފުއްލަވާނެ ކަމަށް ބެލެވެވެނީ ފުރަތަމަ ނައިބު ރައީސް މުހައްމަދު މަޚްބަރު އެވެ.

21:00 - ރިޕޯޓްތައް ބުނާ ގޮތުން މީހުން ސަލާމަތްކުރާ ޓީމްތަކަށް ރައީސީގެ ހެލިކޮޕްޓަރާ ހަމައަށް އަދި ކިރިޔާ ދެވުނީ އެވެ.
---------------
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލާހިޔާން ދަތުރުކުރެއްވި ހެލިކޮޕްޓަރު، މޫސުން ގޯސްވުމުގެ ސަބަބުން ކޮންޓްރޯލުން ނައްޓައި އެކްސިޑެންޓްވެއްޖެ އެވެ.

އީރާންގެ ދާހިލީ ވަޒީރު އަހްމަދު ވާހިދީ ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގިއިރު ހެލިކޮޕްޓަރުގައި އީރާންގެ އަޒަރުބައިޖާންގެ ގަވަރުނަރު މާލިކް ރަހުމަތީ ވެސް އިންނެވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މީހުން ސަލާމަތްކުރާ ޓީމުތަކަށް އެ ސަރަހައްދަށް ދެވޭވަރުވީ އެކްސިޑެންޓް ހިނގިތާ ގަޑިއެއް ހާއިރު ފަހުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ވައިގެ މަގުން މީހުން ހޯދުން ހުއްޓާލައި ފައިމަގުގައި އަދި އެއްގަމު އުޅަނދުތަކުގައި އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް އީރާންގެ ރެޑް ކްރެސެންޓް ޓީމްތަކުން ބުނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރައީސީގެ ވަފުދުގައި އިތުރު ދެ ހެލިކޮޕްޓަރު ބައިވެރިވި އެވެ. އެކަމަކު މި ހެލިކޮޕްޓަރުތަކުގެ ހާލަތެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަން އަދި ކަށަވަރެއް ނުވެ އެވެ.

މި އެކްސިޑެންޓާ ބެހޭ ހަބަރުތައް ބައެއް ނޫސްތަކުން ގެނެސްދީފައި ހުރި ގޮތުން އެކްސިޑެންޓްވީ ކޮން ހެލިކޮޕްޓަރެއް ކަމެއް ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ ރައީސްގެ މި ދަތުރަކީ، އީރާން އާއި އަޒަރުބައިޖާންއާ ގުޅިފައި އޮންނަ ސަރަހައްދުގައި ޑޭމެއް ހުޅުވަން ކުރެއްވި ދަތުރެކެވެ.

ޑޭމް ހުޅުވުމުގެ ރަސްމިއްޔާތުގައި އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ހަބަރުތައް ބުނެ އެވެ.

ހެލިކޮޕްޓަރު އެކްސިޑެންޓްވީ މި ރަސްމިއްޔާތަށްފަހު ރައީސީ އާއި ވަޒީރުން އެނބުރި އީރާނަށް ދަތުރުކުރައްވަނިކޮށެވެ.