ދުނިޔެ

އަޒަރުބައިޖާން ބޯޑަރުގައި އީރާނުން އަސްކަރީ ފަރިތަކުރުންތަކެއް

އަޒަރުބައިޖާން އާއި އަރުމޭނިއާ އަދި އީރާން ގުލިފައި އޮންނަ ބޯޑަރު ސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތަކެއް ބާއްވާނެ ކަމަށް ތެހެރާނުން އޮތީ ބުނެފަ އެވެ. ހުކުރު ދުވަހު މިފަރިތަކުރުންތައް ފެށިގެން ކުރިއަށް ދާއިރު ސަރަހައްދީ ބިރުވެރި ކަމަކަށް ވެދާނެ ކަމަށް އަޒަރުބައިޖާނުން ބުނެ އެވެ.

އީރާނުން އަސްކަރީ ފަރިތަކުރުންތައް ބާއްވާނީ އެގައުމުގެ އިމުގަ އެވެ. އެހެން ނަމަވެސް އެހެން ނަމަވެސް މިނިވަން ގައުމުތަކެއްގެ ބޯޑަރާ ގުޅޭ ހިސާބުގައި މިފަދަ ފަރިތަކުރުންތަނެއް ބޭއްވުމަކީ ފިކުރީ ގޮތުން އެހެން މާނައެއް ނެގިދާނެ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނެ އެެވެ.

އަސްކަރީ ފަރިތަކުރުން ތަކުގައި އީރާނުން ބަރުހަތިޔާރު ބޭނުންކުރާނެ އެވެ. އިލެކްޓްރޯނިކް ހަތިޔާރާއި ޑްރޯން އަދި ގައިޑެޑް އުޅަނދު ބޭނުންކުރާނެ އެވެ. އީރާނުންގެ އަސްކަރީ ޑިޕާޓްމަންޓުން މިކަން އޮތީ ކަށަވަރުކޮށްދީފަ އެވެ.

އީރާނުން ބުނި ގޮތުން އެސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވަނީ އަޒަރުބައިޖާނަށް އަދި އަރުމޭނިއާއަށް ބިރު ދެއްކުމަކަށް ނޫނެވެ. އަދި ބުނީ އަޒަރުބައިޖާނާ އަރުމޭނިއާ ކަރަބާޚް މައްސަލާގައި ކުރިހަނގުރާމައިގައި އައިސިސް ޖަމާއަތުން އީރާނަށް ވަދެގަތުމަށް އީރާންގެ އެސަރަހައްދު ބޭނުންކުރި ކަމަށެވެ. އަދި އީރާނުން ސަމާލުނުވި ނަމަ އައިސިސް ގުރޫޕްތައ މިހާރު އުޅޭނީ އީރާން ތެރޭގައި ކަމަށެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭވް ކުރިން ވިދާޅުވި ގޮތުން އީރާންގެ އަސްކަރީ އުޅަނދުތައް އަޒަރުބައިޖާނަށް ވަދެފައިވެ އެވެ. އޭނާ ވިދާޅުވީ އުޅަނދުތަކުގެ ފިޔަވަޅުތައް އެސަރަހައްދުގައި ފެންނަން ހުރި ކަމަށެވެ.

އަލިޔޭވް ވިދާޅުވި ގޮތުން އީރާންގެ އެ އަމަލުތައް އަޒަރުބައިޖާނުން ބަލައެއް ނުގަންނާނެ އެވެ. އަދި އެއީ އިހުތިރާމް ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަލިޔޭވް ވިދާޅުވީ ސުލްހަވެރިކަމުގައި ތިބެން ބޭނުން ނަމަ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރަން ވާނެ ކަމަށެވެ.