ދުނިޔެ

ރައީސީ ހޯދަން ގައުމުތަކުން އީރާނަށް ދިގު އަތެއް

އިރާން އާއި އަޒަރުބައިޖާން ގުޅޭ ބޯޑަރުގައި ޑޭމެއް ހުޅުވައި ދެއްވުމަށް ފަހު، އީރާންގެ ރައީސް، އިބްރާހީމް ރައީސީ އެނބުރި ވެރިރަށް ތެހެރާންނަށް ދަތުރުކުރައްވަނިކޮށް އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ގަދަވައިގައި ޖެހި ވަނީ ގެއްލިފަ އެވެ.

މި ހާދިސާއަށް 12 ގަޑިއަށް ވުރެ ގިނައިރު ވެފައި ވާއިރު، ރައީސީގެ ޚަބަރެއް އަދިވެސް ނުވެ އެވެ. ރައީސީ ދިރިހުންނެވިކަން ވެސް ސާފެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރައީސީ އަވަހާރަވެދާނެ ކަަމަށް އީރާނުން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މި ޚަބަރު އާންމުންނަށް އިއްވާނެ ގޮތަކާ ބެހޭ ގޮތުން ސަރުކާރުގެ ވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ނުރަސްމީ ޚަބަރުތައް ބުނެ އެވެ.

ރައީސީ ހޯދުމަށްޓަކައި އެކުވެރި ގައުމުތަކުން އީރާނަށް ވަނީ ތަންމިނަށް ދަމާލައި އަތްދިއްކޮށްފަ އެވެ.

ސައޫދީ އަރަބިއްޔާ އާއި ތުރުކީ، އަޒަރުބައިޖާން، ރަޝިއާ، އަރުމީނިއާ، އީރާގު އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ކޮންމެ ފަދަ އެހީތެރި ކަމަކަށް އީރާން އެދުނު ނަމަވެސް ތައްޔާރު ކަމަށް ބުނެފަ އެވެ.

ރަޝިއާ، ތުރުކީ އަދި ސައުދީން މިހާރު ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދޭން ފަށާފަ އެވެ. ހޫނުއަރާ ތަންތަނާއި، އަނިދިރީގައި ތަންތަން ހޯދުމަށް ޚާއްސަ ޑްރޯންތައް ވަނީ ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދަށް ފޮނުވާފަ އެވެ.

ފަރުބަދައަށް އަރަން ކުޅަދާނަ މީހުން ރަޝިއާއިން ވަނީ ފޮނުވާފަ އެވެ. އަނެއްކޮޅުން ޔޫރަޕްގެ ލޮކޭޝަން ހޯދާ ސެޓެލައިޓްތައް ވެސް ވަނީ މި ހާދިސާއަށް އެނބުރިގެންފަ އެވެ.