ދުނިޔެ

ރަޝީއާގެ ފޮރިން މިނިސްޓަރު އަރަބި ލީގާ ބައްދަލު ކުރައްވަނީ

ރަޝިއާގެ ފޮރިން މިނިސްޓަރު އަރަބި ލީގާ ބައްދަލު ކުރައްވަނީ އެވެ. މި ބައްދަލު ކުރެއްވުން އޮންނާނީ މިސްރުގެ މިސްރުގެ ވެރިރަށް ކައިރޯގައި ހުންނަ އަރަބި ލީގުގެ ހެޑްކުއާޓަރުގައި، އާދީއްތަ ދުވަހު އެވެ.

ސަރުގޭ ލަފްރޯފް މިސްރަށް ވަޑައިގެން އަރަބި ލީގުގެ ވެރިޔާ އަހުމަދު އަބޫލް ޣައިތުއާ ބައްދަލު ކުރައްވާނެ އެވެ. އަދި އަރަބި ލީގުގައި ހިމެނޭ 22 ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު އަރަބި ލީގާ ބައްދަލު ކުރައްވާއިރު މިދިއަ އަންގާރަ ދުވަހު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އީރާނަށް ވަޑައިގެން އެގައުމުގެ ރައީސް، އިބްރާހީމް ރައީސީއާ ބައްދަލު ކުރައްވައި ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ޕޫޓިން އީރާނަށް ވަޑައިގަތީ ސީރިއާގައި ސުލްހަ ބެލެހެއްޓުމާ ގުޅޭ ގޮތުން، ރަޝިއާ އާއި އީރާން އަދި ތުރުކީ އެކުވެގެން އުފައްދާފައި އޮންނަ "އާސްޓާނާ ޕީސް ޕްރޮސަސް" ދަމަހައްޓައި މަޝްވަރާ ކުރެއްވުމަށެވެ.

އީރާނާއި ރަޝިއާ ސީރިއާގައި އަސަދު ސަރުކާރު ދެމެހެއްޓުމަށް ބާރުއަޅާއިރު ތުރުކީ އަކީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހިތްވަރުދޭ ގައުމެކެވެ.

މި ބައްދަލުވުމުގެ ތެރެއިން ޕޫޓިން އާއި އުރުދުޣާން ވަކިން ބައްދަލު ކުރައްވައި ތުރުކީ މެދުވެރިވެގެން ޔުކްރޭނުން ގޮވާން ބޭރުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.

ޕޫޓިން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ތުރުކީ އާއެކު ކުރެވުނު މަޝްވަރާއިން ގޮވާން ބޭރުކުރަން ރަނގަޅު ފުރުސަތުތަކެއް ފަހިވި އެވެ. އަދި ރަޝިއާ އޮތީ ތުރުކީން ހުށަހެޅި ގޮތަށް އެއްބާލުން ދިނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މެދުއިރުމަތިގައި ޚާއްސަކޮށް ގަލްފަށް ނިސްބަތް ކުރެވޭ އަރަބި ސުންނީ ދައުލަތްތައް އީރާނާ އެކު އެހާ ގާތް ގުޅުމެއް ނުބާއްވަ އެވެ. ސަބަބަކީ އީރާންގެ އަޑި ނޭނގުމެވެ.

އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ނިއުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތަކަކީ މެދުއިރުމައްޗަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އަރަބި ގައުމުތަކުން ގަބޫލުކުރެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު އަރަބި ލީގާ ބައްދަލު ކުރެއްވުމުގައި އީރާން ވަކި މައުލޫއަކަށް ހައްދަވާނެ ކަމަށް ބެލެވެ އެވެ. އަދި އޯޕެކާއި އޯޕެކް ޕްލަސް ގުޅިގެން ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރޭ އަދަދާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.