ދުނިޔެ

އަޒަރުބައިޖާނުން 48،000 މައިން ނަގައިފި

އަރުމޭނިއާގެ އިސްތިއުމާރީ ބާރުތައް ފައްސާލައި އަޒަރުބައިޖާނުން މިނިވަންކޮށްފައި އޮތް ސަރަހައްދުން 48،000 އަށް ވުރެ ގިނަ މައިނާއި ނުގޮވާ ހުރި ބޮމާއި ބަޑި ފަދަ އާލާތްތައް އަޒަރުބައިޖާނުން ނައްތާލައިފި އެވެ.

މިއީ އަރުމޭނިއާގެ އަސްކަރިއްޔާއިން މީހުން މެރުމަށް ސިއްރިއްޔާތުގައި ވަޅުލައި އަދި ވަޅުލާފައި ހުރި ތަން ސިއްރުކޮށްފައި ހުރި ތަންތަނުން ހޯދާފައިވާ ގޮވާތަކެއްޗެވެ.

އަޒަރުބައިޖާންގެ ކަރަބަޚާ ސަރަހައްދާއި އަދި އިންވެފައި އޮތް ސަރަހައްދުތަކުން މައިނާއި ގޮވާތަކެތި ހޯދުމަށް އަޒަރުބައިޖާން މައިން އެކްޝަން އޭޖެންސީ އާއި އަޒަރުބައިޖާން ސިފައިންގެ އިންޖިނޭރިން ޔުނިޓް އާއި އިމަޖެންސީ މިނިސްޓްރީ އާއި ބޯޑާ ސާވިސަސް ކޮމާންޑް އަދި ތުރުކީ ސިފައިންގެ މައިން ސާފު ކުރާ ޓީމުތަކުގެ އެއްބާރުލުމާއެކު މައިންތައް ސާފު ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

އަޒަރުބައިޖާނުން ބުނާ ގޮތުން ނޮވެމްބަރު 10، 2020 އިން ފެށިގެން މިހާތަނަށް 18،302 ހެކްޓަރުގެ ބިން މައިން ހުރިތޯ ބަލައި ވަނީ ސާފު ކުރެވިފަ އެވެ. އަދި އޮކްޓޯބަރު 15، 2021 ގެ ނިޔަލަށް 22،230 ނުގޮވާ ހުރި ބޮމާއި ޓޭންކަރު ބަޑި އާއި 17،426 ރޯޑްސައިޑް ބޮން 8755 އަދި ޓޭންކަރަށް ހަމަލާދޭ މައިން ދެނެގަނެ ވަނީ ނައްތާލާފަ އެވެ.

އަޒަރުބައިޖާން މައިން އެކްޝަން އޭޖެންސީގެ ޗެއާޕާސަން ވޫގަރު ސުލޭމަނޯފް ވިދާޅުވި ގޮތުގައި ހައިވޭތަކާއި ރޭލް ސްޓޭޝަންތައް އަދި އާންމު ދިރިއުޅޭ ސަރަހައްދުތައް ވެސް ބަލައި ފާސްކުރާނެ އެވެ.

ލޭންޑްމައިނަކީ 1949 ވަނަ އަހަރު ޖެނީވާ މުއާހަދާތައް ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނުތަކުން މަނާ ކުރާ އާލާތެކެވެ. އާންމުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދުތަކުގައި މައިން ވަޅުލުމަކީ ކުށެކެވެ.

އަރުމޭނިއާއިން ވަޅުލާފައި ގޮވާ ތަކެއްޗަށް އެރި އަޒަރުބައިޖާންގެ 33 ރައްޔިތަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ހަތް ސިފައިންނާއި އާންމުންގެ 26 މީހުން ވެސް ހިމެނެ އެވެ. އަދި 139 މީހަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.