ދުނިޔެ

އަޒަރުބައިޖާނުން ރަޝިއާގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ބާލަނީ

އަޒަރުބައިޖާންގެ ކަރަބާޚް ސަރަހައްދުގައި 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފޮނުވި ރަޝިއާގެ ސުލްހަ ބަލަހައްޓާ ފައުޖުތައް އެ ސަރަހައްދުން ބާލަން ފަށައިފި އެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން ވަނީ މިކަން ކަށަވަރު ވެސް ކޮށްދީފަ އެވެ.

ރަޝިއާގެ ސުލްހަ ބަހަލައްޓާ ފައުޖުތައް ގާއިމުވެ ތިބުމަށް ވަގުތީ ގޮތުން އެ ސަރަހައްދުތަކުގައި ބިނާކުރި ސެކިއުރިޓީ ޕޯސްޓްތައް ނައްތާލައި އެ ސަރަހައްދު ބެލެހެއްޓުން އަޒަރުބައިޖާންގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

ކަރަބާޚްގައި ތިބި އަރުމީނިއާ ދަރިކޮޅުގެ ހިމާޔަތަށްޓަކައި އަޒަރުބައިޖާންގެ އޮފިޝަލުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އަދި އިންސާނީ ހައްގުތަށް ކަށަވަރުކުރެވޭނެ ނިޒާމުވެސް ގާއިމުކޮށްފައިވާ ކަމަށް ދިފާއީ ވުޒާރާއިން ވަނީ ބުނެފަ އެވެ.

ރަޝިއާ ސިފައިން ބުނާ ގޮތުން ކުރިން ހަމަނުޖެހުން ބޮޑު އެ ސަރަހައްދު މިހާރު ފެންނަނީ ވަރަށް އަމާންކޮށެވެ. ހަމަލާ ބަދަލުކުރުމުގެ އެއްވެސް އަލާމާތެއް، ނިޝާނެއް ނުފެންނަ ކަމަށްވެސް ސަލާމަތީ ފައުކުތަކުން ބުނެ އެވެ.

ރަޝިއާގެ ސުލްހަ ބަލަހައްޓާ ފައުޖުތަކަށް މިހާރު އޮތް ހަމައެކަނި މަސްއޫލިއްޔަތަކީ، އަޒަރުބައިޖާންއާ އަރުމީނިއާއާ ދެމެދު ވެފައި އޮތް އެއްބަސްވުންތައް އެ ގޮތުގައ ދަމަހައްޓާތޯ ބެލުން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވިދާޅުވި އެވެ.

ރަޝިއާގެ ސުލްހަ ބަލަހައްޓާ ފައުޖުތައް އެ ސަރަހައްދުން މުޅިން ފައިބާނެ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް، މުޅި ސަރަހައްދު އަޒަރުބައިޖާނަށް ލިބިގެން ދިއުމަށްފަހު އެ ސަރަހައްދުގައި ރަޝިއާ ސިފައިން ސުލްހަ ބަލަހައްޓަން ތިބުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. މިއީ އަޒަރުބައިޖާނުން ސުވާލު އުފައްދާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަޒަރުބައިޖާންއާ އަރުމީނިއާއާ ދެމެދު 2020 ގައި ހިނގާދިޔަ 44 ދުވަހުގެ ހަނގުރާމަށްފަހު އަރުމީނިއާ ވަނީ ބަލި ގަބޫލުކޮށްފަ އެވެ. އަދި އޭގެ ކުރިން ކަރަބާޚް ސަރަހައްދު އިސްތިއުމާރުކޮށްގެން ތިބި އަރުމީނިއާ ސިފައިން އެ ސަރަހައްދު ދޫކޮށް ފައިބައިގެން ދިޔަ އެވެ. ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އުދާސްތައް އެ ގޮތުގައި އޮވެ، ބޯޑަރު ހުރަސްކޮށް ދޭތެރެ، ދޭތެރެއިން ހަމަލާ ބަދަލުކުރެވުނެވެ.

އަނެއްކޮޅުން ކަރަބާޚް ސަރަހައްދުތަކުގައި ތިބި އަރުމީނިއާ ދަރިކޮޅުން ވަކިވެރިކަމެއް އެ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތް ފެށި އެވެ.

އަޒަރުބައިޖާނުން ދެވަނަ ފަހަރަށް އެ ސަރަހައްދަށް އަސްކަރިއްޔާ ފޮނުވައި ވަނީ މުޅި ސަރަހައްދު ސާފުކޮށްފަ އެވެ. އަދި އެ ސަރަހައްދުން ފައިބައިގެން ދިއުމަށް ބޭނުންވާ އަޒަރުބައިޖާންގެ ގަބީލާތަކަށް ފުރުސަތު ދީފައިވެ އެވެ.