ދުނިޔެ

ސުލްހައިގެ ބައްދަލުވުމުން އަރުމޭނިއާ ވަކިވެއްޖެ

އަޒަރުބައިޖާން އާއި އަރުމޭނިއާ ސުލްހަވުމުގެ ގޮތުން ރަޝިއާ މެދުވެެރިވެ އެއްބަސްވުމެއް ގާއިމުކުރުމަށް މިއަދު މޮސްކޯގައި ބާއްވަން އޮތް މަޝްވަރާ ބައްދަލުވުމުގައި އަރްމޭނިއާ ބައިވެރި ނުވާނެ ކަމަށް ބުނެފި އެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް ފޯނުން ގުޅުއްވައި އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ޖެހޫން ބައިރަމޯފްއަށް ވަނީ އަރުމީނިއާގެ މި ނިންމުމާ ބެހޭ ގޮތުން މައުމޫމާތު ދެއްވާފަ އެވެ.

މިކަމާ ހިތާމަކުރައްވާ ކަމަށް ލަފްރޯފް ވިދާޅުވި ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަޒަރުބައިޖާން އާއި އަރުމޭނިއާއާ ދެމެދު ހަމަނުޖެހުން އުފެދިފައި ވަނީ ނަގޯނޯ ކަރަބާޚްގެ މައްސަލާގަ އެވެ. މިއީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައި މުޅި ދުނިޔެ ގަބޫލުކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް ސެޕްޓެމްބަރު 27، 2020 ގައި އަޒަރުބައިޖާން އާއި އަރުމީނިއާ ދެމެދު 44 ދުވަސް ވަންދެން ކުރި ހަނގުރާމަ ނިމެންދެން ނަގޯނޯ ކަރަބާޚް އޮތީ އަރުމީނިއާގެ މުށުތެރޭގައި އެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު އުފެދިފައި އޮތް ނުތަނަވަސް ކަމަކީ ލަޗިން ކޮރިޑޯ -- އަރުމީނިއާ އާއި ނަގޯނޯ ކަރަބާޚްއާ ގުޅުވައިދޭ މަގު ބައްދުކޮށްފައި އޮންނަ ކަމަށް އަރުމީނިއާ ބުނާ ބުނުމެވެ.

ރަޝިއާ މެދުވެރިވެ 2020 ގައި އަޒަރުބައިޖާން އާއި އަރުމީނިއާ އެއްބަސްވި އެއްބަސްވުމުގައި ނަގޯނޯ ކަރަބާޚް ވަށައިގެން އޮތް ސަރަހައްދު އަރުމީނިއާ ދޫކޮށްލަން ޖެހެ އެވެ. އޭގެ ތެރޭގައި ލަޗިން ކޮރިޑޯ ވެސް ހިމެނެ އެވެ.

މި މަގުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި މިހާރު ހަރަކާތްތެރިވަނީ ރަޝިއާ ސިފައިންނެވެ.

އަރުމީނިއާއިން މިހާރު މަސައްކަތްކުރަނީ ނަގޯނޯ ކަރަބާޚްއަށް ދަތުރުކުރުމަށްޓަކައި -- ފަރުބަދަތަކުގެ ތެރެއިން އެހެން މަގެއް ހެދުމަށެވެ.

ލަޗިން ކޮރިޑޯ ބަންދުކުރަން ޖެހެނީ އަރުމީނިއާގެ އާންމުން އަޒަރުބައިޖާންގެ ސަރަހައްދަށް ވަގަށް ވަދެ ގުދުރަތީ ވަސީލަތްތަކުން ވައްކަންކުރާ މައްސަލަ ބޮޑުވުމުންނެވެ.

ރަޝިއާ ބުނާ ގޮތުން ނަގޯނޯ-ކަރަބާޚާއި އަރުމީނިއާއާ ދެމެދު އެއްވެސް ހުރަހެއް ނެތި މުއާމަލާތްތައް ކުރެވެން ޖެހެ އެވެ. މިކަމަށްޓަކައި ދެގައުމުގެ ދެމެދުގައި ހަރުދަނާ އެއްބަސްވުމެއް އޮންނަން ވާނެ ކަމަށްވެސް ރަޝިއާ ދެކެ އެވެ.

އަރުމީނިއާގެ ބޮޑުވަޒީރު ނިކޮލް ޕަޝިންޔަން ވިދާޅުވި ގޮތުގައި ލަޗިން ކޮރިޑޯގައި ރަޝިއާ ސިފައިން މަސްއޫލިއްޔަތު އަދާކުރާނަމަ މައްސަލަ ގޯހެއް ނުވީހެވެ.

އޭނާ އަދި ވިދާޅުވީ ތިން ގައުމުގެ މެދުގައި ހަދާ އެއްބަސްވުންތައް ބާތިލުވަނީ ސުލްހަ ބެލެހެއްޓުމުގައި ފަރުވާކުޑަ ކުރުމުން ކަމަށެވެ.