ދުނިޔެ

ބެލަރޫސްގެ ފޮރިން މިނިސްޓަރު އަވަހާރަވެއްޖެ

ބެލަރޫސްގެ ފޮރިން މިނިސްޓަރު ލަޑިމިއަރު މަކޭ ވަރަށް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ އެވެ.

އިތުރު އެއްވެސް ތަފުސީލެއް ބެލަރޫސްގެ ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޚަބަރުތައް ބުނާ ގޮތުން މަކޭ އަވަހާރަވިއިރު ސަރަހައްދީ މަސްލަހަތާ ގުޅުން ބޮޑު ބައްދަލުވުންތަކެއް ވެސް އޮތީ އެޖެންޑާކުރައްވާފަ އެވެ. މީގެ ތެރޭގައި އަޒަބައިޖާން، އަރުމޭނިއާ ސުލްހައިގެ މަޝްވަރާތައް ވެސް ހިމެނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އާއެކު މަތީ ފެންވަރުގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވެވުމަށް ވެސް ލަޑިމިއަރު މަކޭ އޮތީ ނިންމަވާފައި ކަމަށް ބެލަރޫސްގެ ޚަބަރުތައް ބުނެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ޓެލެގްރާމްގައި މެސެޖްކުރައްވައި ވިދާޅުވީ ސިހިވަޑައިގެންފި ކަމަށެވެ.

ލަޑިމިއަރު މަކޭ އަވަހާރަވުމަކީ ރަޝިއާއަށް ވަރަށް ބޮޑު ހިތާމައެއް ގޮތުގައި ތަރުޖަމާން ސިފަކުރައްވާފައިވެ އެވެ.

މަކޭ އަވަހާރަވިއިރު އުމުރުފުޅްކީ 64 އަހަރެވެ. އަނބިކަނބަލަކާއި ތިން ދަރިކަލުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

ބެލަރޫސްގެ ފޮރިން މިނިސްޓަރުގެ މަގާމަށް މަކޭ ވަޑައިގަތީ އޯގަސްޓް 2021 ގައެވެ. އޭގެ ކުރިން ރައީސް އޮފީހުގެ ސީނިއާ ވަޒީފާތައް އަދާކުރެއްވި ކަމަށްވެ އެވެ.