ދުނިޔެ

އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ސުލްހައިގެ މުއާހަދާއެއް އޮތުމަށް ލޯބިކުރަން: ރަޝިއާ

އަޒަރުބައިޖާނާއި އަރުމީނިއާއާ ދެމެދު ދެމެހެއްޓެނިވި ގޮތުގައި އަމަލުކުރެވޭ ސުލްހައިގެ މުއާހަދާއެއް އޮތުމަކީ މޮސްކޯއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެއް ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް މިހެން ވިދާޅުވީ އަޒަރުބައިޖާންގެ ހާރިޖީ ވަޒީރު ޖެހޫން ބޭރަމޯފް އާއެކު މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުމުގެ ކުރިންނެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ރަޝިއާގެ ޝައުގުވެރިކަން އޮތީ ސުލްހަވެރި ކަމުގައި ދެގައުމު އޮތުމަށެވެ. އެކަމަށް ޓަކައި ސުލްހައިގެ މުއާހަދާއަކަށް ދެ ގައުމުން އަމަލުކުރަން ފެށުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އަޒަރުބައިޖާން އާއި އަރުމީނިއާ ސުލްހަވުމަށް ރަޝިއާއަށް ކޮންދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ހާރިޖީ ވަޒީރު ވިދާޅުވި އެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާއިން އާންމުކުރި ބަޔާނެއް ބުނާ ގޮތުން 2020، 2021 އަދި 2022 ގައި އަޒަރުބައިޖާން އާއި އަރުމީނިއާ އަދި ރަޝިއާގެ ވެރިން އެއްބަސްވެފައި އޮތް މުއާހަދާއަށް އަމަލުރަން ފެށުމަށް ޖެހޫން ބޭރަމޯފްއަށް ބާރުއަޅުއްވާނެ އެވެ.

އަދި އަޒަރުބައިޖާން އާއެކު ގުޅުން އިތުރަށް ވަރުގަދަކޮށް ސަރަހައްދީ މަސްލަހަތުގައި ދެގައުމު ހިއްސާވުމަށް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް އާއެކު ފެބްރުއަރީގައި ރަޝިއާ ސޮައިކުރި އެއްވަސްވުން އެ ގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާ މެދުވެރިއެއް ގޮތުގައި އޮވެ އަޒަރުބައިޖާން އާއި އަރުމީނިއާ ސުލްހަވުމަށް ކުރެވޭ މަސައްކަތުގައި -- ރަޝިއާގެ ފަރާތުން ބައިވެރިވާ ސަފީރު އައިގޯ ޚޮވަޔޭފް މިހާރު އުޅުއްވަނީ އެ ދެ ގައުމަށް ކުރައްވާ ދަތުރެއްގަ އެވެ.

ރަޝިއާގެ ސަފީރު އަޒަރުބައިޖާނަށް ވަޑައިގެން ވެރިރަށް ބަކޫގައި ރައީސް އިލްހާމް އަލިޔޭފްއާ ބައްދަލު ކުރައްވައި، ބަކޫ-ޔެރެވަން މުއާހަދާއާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މި އެއްބަސްވުމަށް އެކި ދުވަސްތަކުގެ މަތިން ބަދަލުތައް ގެނެވި ތިން ގައުމުގެ މެދުގައި -- އަޒަރުބައިޖާން، އަރުމީނިއާ އަދި ރަޝިއާއިން ސޮއިކުރުން އަވަސްކުރައްވާނެ ކަމަށް ވެސް ސަރުގޭ ލަވްރޯފް އޮތީ ވިދާޅުވެފަ އެވެ.

ސޯވިއެޓް ޒަމާނުގެ ދެ ޖުމުހޫރިއްޔާ ކަމަށްވާ އަޒަރުބައިޖާން އާއި އަރުމީނިއާއާ ދެމެދުގައި މަސްލަހަތު ގެއްލެން މެދުވެރިވީ 1991 ގައި އަރުމީނިއާ ސިފައިން އަޒަރުބައިޖާންގެ ނަގޯނޯ ކަރަބަޚްއަށް އަރައިގަތުމާ ގުޅިގެންނެވެ.

އަރުމީނިއާ އަތުން ނަގޯނޯ ކަރަބާޚް އަތުލުމަށް އަޒަރުބައިޖާނުން އެތައް ފަހަރަކު ކުރި މަސައްކަތާއި ހަނގުރާމައިން ވެސް އެ ސަރަހައްދު އޮތީ އަތުލެވޭ ގޮތް ނުވެފައެވެ.

މިހެން ކަން އޮއްވައި 2020 ގައި ތުރުކީގެ އެހީތެރިކަމާ އެކު އަޒަރުބައިޖާނުން 44 ދުވަސް ވަންދެން ހުއްޓުމެއް ނެތި ދިން ހަމަލާތަކުގައި ނަގޯނޯ ކަރަބާޅް އަތުލައި އަރުމީނިއާ ސިފައިން އެ ސަރަހައްދުން ބޭރުކުރި އެވެ.

މި ހަނގުރާމާގައި އަރުމީނިއާއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނެވެ. އަދި ހަނގުރާމަ ހުއްޓުވަން ޖެހުނީ ރަޝިއާ މެދަށް ވަދެ -- ދެގައުމުގެ ދެމެދުގައި ހެދި އެއްބަސްވުމަކުންނެވެ.