އަޒަރުބައިޖާންގައި ބުދަ ދުވަހު އޮތް ރިޔާސީ އިންތިހާބު އެ މަގާމުގައި މިހާރުވެސް ހުންނެވި އިލްހާމް އަލިޔޭފް ކާމިޔާބުކުރައްވައިފި އެވެ.
އިލްހާމް އަލިޔޭފް އަށް ލިބިވަޑައި ގެންނެވި މި ކާމިޔާބީ އާއެކު ފަސްވަނަ ދައުރަކަށް އޭނާ އިންތިހާބުވެ ވަޑައިގަންނަ ވާނެކަން އެ ގައުމުގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އިލްހާމް އިންތިހާބު ކާމިޔާބުކުރެއްވީ 92.1 ޕަސެންޓުންނެވެ.
އަޒަރުބައިޖާންގެ ރައީސްގެ މަގާމަށް އިލްހާމް އެންމެ ފުރަތަމަ ވަޑައިގަތީ 2003 ގައި އޭނާގެ ބައްޕަ ހައިދަރު އަލިޔޭފް އަވަހާރަވުމާ ގުޅިގެންނެވެ. އެއަށް ފަހު ދެވަނަ ފަހަރަށް އިލްހާމް ރައީސްގެ މަގާމަށް ހޮވިވަޑައިގަތީ 2008 ގައެވެ.
އަޒަރުބައިޖާންގައި 2013 ގައި އަދި 2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ވެސް އިލްހާމް އަލިޔޭފް އެވެ.
އިލްހާމް އަލިޔޭފް މި އިންތިޚާބު ކާމިޔާބުކުރައްވާނެކަން މީގެ ކުރިން ވެސް އޮތީ އަންދާޒާކުރެވިފަ އެވެ. އެއީ 30 އަހަރު ވަންދެން އަރުމީނިއާގެ ބާރުގެ ދަށުގައި އޮތް – އަޒަރުބައިޖާންގެ އަމިއްލަ ސަރަހައްދެއް ކަމަށްވާ ނަގޯނޯ ކަރަބާޚް މިނިވަންކުރުމަށް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ.
ނަގޯނޯ ކަރަބާޚް މިނިވަންކުރުމަށް އަޒަރުބައިޖާނުން ކުރި ހަނގާމާގައި އެ ސަރަހައްދަށް ބާރުގަދަކޮށްގެން ތިބި އަރުމީނިއާ ސިފައިން ވަނީ ފައްސާލާފަ އެވެ. މިއީ އަޒަރުބައިޖާނަށް ގެއްލުން ބޮޑު ހަނގުރާމައެއް ނަމަވެސް އާންމުން ގަބޫލުކުރަނީ ބޮޑު ކާމިޔާބެއް ގޮތުގަ އެވެ.
ކަރަބާޚް މިނިވަންކުރުމާ ގުޅިގެން އަޒަރުބައިޖާންގައި އިލްހާމް އަލިޔޭފްއަށް ތާއީދު ވާދަވެރިންނަށް ގޮންޖަހައި އިންތިޚާބުގައި އިދިކޮޅުން ވާދަކުރި ކެންޑިޑޭޓުންގެ އަތް ނުފޯރާ ފަށަށް އޮތީ އަރާފަ އެވެ.
އިލްހާމަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް ވާދަވެރި ކެންޑިޑޭޓުން މަރުހަބާ ދެންނެވި އެވެ. ސިޔާސީ ގޮތުން ވާދަވެރިކަން އޮތް ނަމަވެސް، އިލްހާމް ހޯއްދެވި ކާމިޔާބީއަށް ޖަދަލު ނުކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓުން ބުންޏެވެ.
އިލްހާމަށް ފާޑުކިޔާ މީހުން ދެކޭ ގޮތުން ރައީސްގެ މަގާމުގައި ހުންނަވައި އިންތިޚާބު ކާމިޔާބު ކުރެއްވުމަށް އޭނާ ވަނީ މަގާމުގެ ބޭނުން ހިއްޕަވާފަ އެވެ. އަދި ވާދަވެރިންނަށް ފުރުސަތު ހަނިކުރެއްވުމަށް ވެސް އިލްހާމް މަސައްކަތްތަކެއް ކުރެއްވި އެވެ.