މިނިވަން ގައުމެއް ގޮތުގައި ދެމިއޮތުމަށް އަރުމީނިއާއަށް ލިބުނު ފުރުސަތު އެ މީހުން ދޫކޮށްލައިފި ކަމަށް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ވިދާޅުވެއްޖެ އެވެ.
އިލްހާމް އަލިޔޭފް ވިދާޅުވި ގޮތުގައި އަރުމީނިއާއަށް ފުރުސަތު ގެއްލުނީ އަޒަރުބައިޖާންއާ ދެކޮޅުވިލެއް ބޮޑުކަމުންނެވެ.
އަލިޔޭފް ވިދާޅުވި ގޮތުގައި އަރުމީނިއާ އަކީ މިހާރު އިސްތިއުމާރު ކޮށްފައި އޮތް ގައުމެކެވެ. އެ މީހުންނަށް އަމިއްލައަށް އެއްވެސް ކަމެއް ނުނިންމޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެއަށް ވުރެ ބޭނުންތެރި އަދި މުހިންމު އެއްޗެއް ހޯދަން ކޮންމެވެސް އެއްޗެއް ދޫކޮށްލަން ޖެހޭ ކަމަށްވެސް އަލިޔޭފް ވިދާޅުވި އެވެ. އެކިފަހަރު އެކި ގައުމުން އިސްތިއުމާރުކޮށް އަރުމީނިއާއަށް ހިރިނުލެވިފައި އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަލިޔޭފް ވިދާޅުވީ އަރުމީނިއާ މިހާރު އޮތް ހާލަތަށް ވެއްޓެމުން ދިޔައިރު -- ގާތް އަވައްޓެރިއެއްގެ ހައިސިއްޔަތުން އިރުޝާދުތަކެއް ދެއްވި ކަމަށެވެ. އަދި އަޒަރުބައިޖާން އާއެކު ސުލްހަ ގާއިމުކުރުމަށް ނުކުތާތަކެއް އެކުލަވާލައްވައި އަރުމީނިއާއާ ހިއްސާކުރެއްވި ކަމަށެވެ.
އެހެންނަމަވެސް އަޒަރުބައިޖާނުން ހުށަހެޅި ސުލްހައިގެ ނުކުތާތަކުގައި އަރުމީނިއާއާށް ކަމުދާ އެކައްޗެއް ނެތް ކަމަށް އެ މީހުންނަށް ގަބޫލުކުރެވުނު ކަމަށްވެސް އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފް ވިދާޅުވި އެވެ.
އަރުމީނިއާއާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް އަޒަރުބައިޖާން ތައްޔާރުކަމަށް ވިދާޅުވެ އަލިޔޭފް ވިދާޅުވީ ބައިނަލްއަގްވާމީ ޖަމިއްޔާއެއް މެދުވެރިއެއްގެ ރޯލު އަދާކުރުމުގައި އަޒަރުބައިޖާންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަޒަރުބައިޖާން އާއި އަރުމީނިއާއާ ދެމެދު ސުލްހަ ގާއިމުކުރުމަށް ބަކޫއިން ހުށަހެޅި ފަސް ނުކުތާގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަން ބަލައިގަތުމާ މެދު ގޮތެއް ނިންމާފައި އޮތުން ހިމެނެ އެވެ.
ދެކޮޅުވެރިކަމުގެ އަމަލުތައް ހުއްޓާލައި ސަރަހައްދީ ގޮތުން ކުރާ ދައުވާތައް ދޫކޮށްލުމާއި އެކަކު އަނެކަކުގެ ސަލާމަތަށް ނުރައްކާ ނުކުރުމާއި ބޯޑަރުތައް ކަނޑައަޅައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާއި ދަތުރުފަތުރާއި މުވާސަލާތީ ރޮނގުތައް ހުޅުވުންވެސް ހިމެނެ އެވެ.