ދުނިޔެ

އަރުމީނިއާގެ ބާރުތަކުން ހަތިޔާރު ބަހައްޓަންދެން ހަމަލާތައް ކުރިއަށްދާނެ: އަޒަރުބައިޖާން

އަޒަރުބައިޖާންއާ އަރުމީނިއާއާ ދެމެދު އޮތް ނުތަނަވަސްކަން އދ އަށް މިހާރު އޮތީ ފޯރާފަ އެވެ. މި މައްސަލައަށް ބަހުސްކުރުމަށް ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް އދ އިން ވަނީ ނިންމާފަ އެވެ.

އަޒަރުބައިޖާންއާ އަރުމީނިއާއާ ދެމެދު އުފެދިފައި އޮތް މައްސަލަ އަކީ ނަގޯނޯ ކަރަބާޚްގެ މައްސަލަ އެވެ. މިއީ ގާނޫނީ ގޮތުން އަޒަރުބައިޖާންގެ ބިމެކެވެ. އެކަމަކު އަރުމީނިއާ ދަރިކޮޅުގެ މީހުން ގަބޫލުކުރާ ގޮތުގައި އެ ތަނުގެ ވަޒަންވެރިންނަކީ އެބައިމީހުންނެވެ.

ނަގޯނޯ ކަރަބާޚް މިނިވަންކުރަން އަޒަރުބައިޖާނުން 2020 ގައި ކުރި ހަނގުރާމައަށް ފަހު އެ ސަރަހައްދުން ވަަރަށް ބޮޑު ބައެއް މިހާރު އޮތީ އަޒަރުބައިޖާންގެ ދަށުގަ އެވެ. ނަމަވެސް އަދިވެސް ބައެއް ސަރަހައްދުތަކުގައި އަރުމީނިއާ ދަރިކޮޅުގެ މީހުން ދިރިއުޅެ އެވެ.

އަރުމީނިއާ ދަރިކޮޅުގެ މީހުން މި ތަނުގައި ތިބެގެން ކުރާ ކަމަކީ އަރުމީނިއާ ސިފައިން ލައްވައި ހަތިޔާރު ޖަމާކޮށް އަދި އަޒަރުބައިޖާންގެ ސިފައިންނަށް ގެއްލުންވާ ގޮތަށް މައިން ވަޅުލުމެވެ.

މިއީ އެ ސަރަހައްދުގެ ވެރިކަން އަލުން ހޯދުމަށް ގަސްދުކޮށް އެ މީހުން ކުރާ ކަމެކެވެ.

އަޒަރުބައިޖާންއާ އަރުމީނިއާގެ މައްސަލަ 2020 ގައި ކޮޅެއްގައި ޖެހި އަދި އެ ސަރަހައްދު ބެލެހެއްޓުމަށް ރަޝިއާ ސިފައިން ތިބި ނަމަވެސް ކަރަބާޚް ސަރަހަދުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް އަރުމީނިއާ ދަރިކޮޅުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިކަމަށްޓަކައި ކަރަބާޚް ސަރަހައްދަށް އެކަށީގެންވާ ވަރަށް މިހާރު ވަނީ ހަތިޔާރު ޖަމާކޮށްފަ އެވެ.

އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފްއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ގުޅުއްވައި -- އަރުމީނިއާ ދަރިކޮޅަށް އަމާޒުކޮށް އަޒަރުބައިޖާންގެ އަސްކަރިއްޔާއިން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވި އެވެ.

ޖަވާބުގައި އަލިޔޭފް ވިދާޅުވީ އަރުމީނިއާ ދަރިކޮޅުން އަޒަރުބައިޖާންގެ ސިފައިންނަށް ހަމަލާދިނުން ހުއްޓާލައި ހަތިޔާރު ބެހެއްޓުމަށް ދާންދެން ހަމަލާތައް ކުރިއަށް ދާނެ ކަމަށެވެ.

އަޒަރުބައިޖާންއާ އަރުމީނިއާ 2020 ގައި ރަޝިއާ ހެކިކޮށް ހެދި އެއްބަސްވުމުގައި، ކަރަބާޚް ސަރަހައްދަށް ހަތިޔާރު ނުވެއްދުމަށް އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް، އަރުމީިނިއާ ދަރިކޮޅުން ވަނީ މި މާއްދާއަށް އަމަލުކުރުން ހުއްޓާލައި، އެ ސަރަހައްދުގައި އަމިއްލަ ވެރިކަމެއް ގާއިމުކުރުމުގެ މަސަައްކަތް ފަށާފަ އެވެ.

މިއީ އަރުމީނިއާ ސަރުކާރު އަޑީގައި އޮވެގެން އަދި ރަޝިއާ، އެެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ވެސް ބައިވެރިވެގެން ކުރުވާ ކަމެކެވެ.