އީރާންގެ ވެރިރަށް ތެހެރާނުގައި ހުންނަ އަޒަރުބައިޖާންގެ އެމްބަސީއަށް އޮޓޮމެޓިކް ހަތިޔާރެއް ބޭނުންކޮށްގެން މީހަކު ދިން ހަމަލާއެއްގައި އެކަކު މަރުވެ، ދެ މީހަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އީރާންގެ ޚަބަރުތައް ބުނާ ގޮތުން މި ހަމަލާ އަމާޒުކޮށްފައިވަނީ އެމްބަސީ ބޭރުގައި ފޯރިއަށް ތިބި ގާޑުންނަށެވެ.
މި ހާދިސާގައި ސެކިއުރިޓީ ގާޑުންގެ ވެރިޔާ ވަނީ މަރުވެފަ އެވެ. އިތުރު ދެ މީހަކަށް ފަރުވާދޭން ޖެހޭ ވަރަށް އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ތެހެރާންގެ ފުލުހުންގެ ވެރިޔާ ހުސައިން ރަހީމީ ޚަބަރަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ހަމަލާދިން މީހާ މިހާރު ހުރީ ބަންދުގަ އެވެ. އަދި ހަމަލާދިން ސަބަބު އޮޅުފިލުވުމަށް ސުވާލުކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ހުސައިން ރަހީމީ ވިދާޅުވި ގޮތުގައި އޭނާ އެމްބަސީގެ ގޯތި ތެރެއަށް ވަދެފައިވަނީ ދެ ކުދިންނާ އެކު އެވެ. އެހެންކަމުން ހަމަލާދިން ސަބަބު ކަމަށް ބެލެވެނީ ޒާތީ އަދި އާއިލީ ކޮންމެވެސް ނުތަނަވަސް ކަމަކާ ހެދި އެވެ.
އަޒަރުބައިޖާނުން މި ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ހަމަލާދިން މީހާ މިއަދު ހެނދުނު ކާރެއްގައި ދެ ކުދިން -- އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ގޮވައިގެން ގޮސް އޮޓަމެޓިކް ހަތިޔާރުން ހަމަލާދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އެ މީހާ މީގެ ދެތިން ދުވަސް ކުރިން ވެސް އެމްބަސީއަށް ދިޔަ ކަމަށްވެ އެވެ.
ޚަބަރުތައް ބުނާ ގޮތުން އޭނާގެ އަންހެނުން މިދާކަށް ދުވަހު އަޒަރުބައިޖާން އެމްބަސީއަށް ދިޔަ ގޮތަށް ވީ ތަނެއް ނޭނގެ އެވެ. އަދި އަންހެނުންނާ ބެހޭ ގޮތުން އެމްބަސީން އެއްވެސް މައުލޫމާތެއް ނުދިން ކަމަށްވެސް ބުނެވެ އެވެ.
އީރާން އަކީ އަޒަރުބައިޖާންއާ އެއްބޯޑަރު ހިއްސާކުރާ ގައުމެކެވެ. އަދި އީރާންގައި އަޒަރުބައިޖާންގެ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅެ އެވެ.