ދުނިޔެ

ނިއުޒީލެންޑްގެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ނިއުޒީލެންޑްގެ ޖަސްޓިސް މިނިސްޓަރު ކިރީ އަލާން ކާރު އެކްސިޑެންޓާކާ ގުޅިގެން އިސްތިއުފާ ދެއްވައިފި އެވެ.

އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން ވަޒީރު އިސްތިއުފާ ދެއްވީ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރުމުންނެވެ.

މިއީ ނިއުޒީލެންޑްގެ އާންމު އިންތިޚާބު ކުޑަތަންވެފައި ވަނިކޮށް ބޮޑުވަޒީރު ކްރިސް ހިޕްކިންސްގެ ކެބިނެޓުން އިސްތިއުފާ ދެއްވި ހަތަރު ވަނަ ވަޒީރެވެ.

ނިއުޒީލެންޑްގެ އާންމު އިންތިޚާބު ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 14، 2023 ގައި ބާއްވާ ގޮތަށެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ކްރިސް ހިޕްކިން ވެސް ވަނީ ޖަސްޓިސް މިނިސްޓަރު ސަރުކާރުން ވަކިވެވަޑަގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ކިރީ އަލާން މިވަގުތު އެއްވެސް މަގާމެއް އަދާނުކުރައްވާ ކަމަށެވެ.

ފުލުހުން އަލާން ހައްޔަރުކުރީ ފަރުވާކުޑަކޮށް ކާރު ދުއްވައިގެންނެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ފުލުހުންނަށް އެއްބާލުން ނުދެއްވުންވެސް އޭނާގެ މައްޗަށް އޮތީ ރެކޯޑްކޮށްފަ އެވެ.

ބަނގުރަލަށް ޓެސްޓްކުރުމަށް ވެސް އޭނާ ވަނީ ދެކޮޅު ހަދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކިރީ އަލާން އިސްތިއުފާ ދެއްވީ ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކުން ސަލާމަތްވެ ވަޑައިގަންނަވަން ދަތިވާނެ ކަމަށް ބެލެވުމުންނެވެ. އަނެއްކޮޅުން ޖަސްޓިސް މިނިސްޓަރު ކުރައްވާ ކުށަކީ -- އާދައިގެ މީހުން ކުރާ ކުށަށް ވުރެ ބޮޑު ކުށަކަށް ވާނެތީ އެވެ.

މަސްތުގެ ހާލަތުގައި ހުންނަވައިގެން ކާރު ދުއްވިކަން ސާބިތުވެއްޖެ ނަމަ އާދައިގެ މީހަކަށް ވުރެ ބޮޑު ހުކުމެއް އޭނާއަށް އޮންނާނެ އެވެ.

ބޮޑުވަޒީރު ހިޕްކިންސް ވިދާޅުވި ގޮތުގައި އަލާންގެ ހާލަތު މިދުވަސްކޮޅު ރަނގަޅެއް ނޫނެވެ. އޭނާ އުޅުއްވަނީ އާއިލީ މައްސަލަތަކެއްގައި ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި ނަފުސާނީ ގޮތުން އޭނާއަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ނަމަވެސް، ފުލުހުންނާ ހަވާލާދީފައި ހުރި ޚަބަރުތައް ބުނާ ގޮތުން އަލާންގެ ހާލަތު ވަރަށް ރަނގަޅަށް ބާލާނެ އެވެ. އަދި ނަފުސާނީ ގޮތުން އަނިޔާ ލިބިފައި ހުރިތޯ ވެސް ބަލާނެ އެވެ.

ކާރު އެކްސިޑެންޓް ވީއިރު އޭނާ ހުންނެވީ ހެޔޮ ހާލުގައި ކަމަށްވާ ނަމަ އޭނާއާ މެދު އަމަލުކުރެވޭނީ ނިއުޒީލެންޑްގެ ގާނޫނުތައް ބުނާ ގޮތަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.