ހަބަރު

53 މުވައްޒަފުން ވަަކި ކުރުމުގައި ގޯހެއް ނަހަދަން: ފެނަކަ

Mar 19, 2019
1

ފެނަކަ ކޯޕަރޭޝަންގެ 53 މުއައްޒަފުން ވަކި ކުރުމުގައި އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަން އިން
ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމީޓީއަށް ފެނަކަ ހާޒިރު ކުރީ އެ ކުންފުނީގެ ގިނަ މުއައްޒަފުންތަކެއް ވަކި ކުރާ ކަމަށް ބުނެ ޕީޕީއެމްގެ ފަރާތުން އެ ކޮމިޓީއަށް މައްސަލައެއް ހުށަހެޅުމާ ގުޅިގެނެވެ. އެކަމާ ގުޅޭ ގޮތުން ފެނަކަގެ އިސްވެރިންނާއެކު މިއަދު ބެއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ އާ ސަރުކާރުގެ ފަރާތުން ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށާއި އެކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އެގޮތުން ފެނަކައިގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 14 ރީޖަނަލް އޮފީހެއް އުވާލުމަށް ނިންމާފައިވާ ކަމަށާއި އެކަން ތަންފިޒު ކުރުމުން ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ އިތުރުން ފެނަކަ ތެރޭގައި ހިނގާފައި ހުރި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ވެސް ބައެއް މުއައްޒަފުން ވަޒީފާ އިން ވަކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ފަރުވާ ކުޑަވުމުގެ ސަބަބުންނާއި އިހުމާލުތަކުގެ ސަބަބުން ވެސް މުއައްޒަފުން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޖުމުލަ 53 މީހެއްގެ ވަޒީފާ ގެއްލިފައިވަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"14 އޮފީހެއް ރީޖަނަލް އޮފީހެއް އަޅުގަނޑުމެން އުވާލީ، އެ އޮފީސްތަކުގައި އުޅޭ 84 މުއައްޒަފުން ފިޔަވާ އެހެން ހުރިހާ މުއައްޒަފެއް އަދިވެސް ތިބީ ކުންފުނީގައި، އެ 14 މުއައްޒަފުން ވަކި ކުރީ އެ ބޭފުޅުންނަށް ލިބެން ޖެހޭ ހުރިހާ އިނާޔަތްތަކާއި ހުރިހާ ހައްގެއް ދީފައި،" ސައީދު ވިދާޅުވި އެވެ.

މާލީ ގޮތުން ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން ރީޖަނަލް އޮފީސްތައް ބަންދު ކުރުން މުހިންމު ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން އަހަރެއްގެ މައްޗައް 14 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެ ހާލަތުގައި ކުންފުނި އޮތް އިރު ނިމިގެން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމުލަ 170 މުއައްޒަފުން ކުންފުންޏަށް ވައްދާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ވީވަރަކުން މީހުން ވަޒީފާއިން ވަކިނުކޮށް ކުރިޔަށް ގެންދެވުމަށް ކަމަށާއި އެގޮތުން މުއައްޒަފުންނަށް އެހެން ރަށްތަކުގެ އޮފީސްތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ކަނޑާލާފައި ވަނީ އެ ފުރުސަތު ގަބޫލު ނުކުރާ ފަރާތްތައް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ރީޖަނަލް އޮފީސް، މި ހުންނަނީ އަތޮޅުގެ ހުރިހާ އޮފީސްތަކެއް ބެލެހެއްޓުމެއް، ނަމަވެސް މިސާލަކަށް ފުވަމުލަކުގައި ވެސް އެންމެ އިންޖީނަކާއެކު ވެސް ރީޖަނަލް އޮފިހެއް އެބަހުރި، އެހެންވެ އެ އުވާލަން ނިންމީ، އަދި އަޅުގަނޑުމެން އެކަންޏެއް ނޫން. އަޅުގަނޑުމެން ރިކޯޑު ބެލިއިރު ކުރީ ސަރުކާރުން ވެސް ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފައި އޮތީ ރީޖަނަލް ހޮސްޕިޓަލުން އުވާލަން، އެކަން ނުވެފައި އޮތީ އިންތިހާބު ކުރިމަތީގައި އޮތީމަ،" ވަހީދު ވިދާޅުވި އެވެ.