ފެނަކަ ކޯޕްރޭޝަން

ވައިކަރަދޫއަށް ޖަނަރޭޓަރެއް ފޮނުވަނީ

ހދ. ވައިކަރަދޫއަށް ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ވައިކަރަދޫއަށް ރަނގަޅަށް ކަރަންޓް ނުލިބޭތާ ފަސް ދުވަސް ވެއްޖެ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ވައިކަރަދޫ އަށް 250 ކިލޯވޮޓްގެ އާ ޖަނަރޭޓެއް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އާ ޖެނަރޭޓަރު މާދަމާގެ ވަގުތެއްގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ބުންޏެވެ.

ވައިކަރަދޫ އިން ކަރަންޓް ކެނޑި ރައްޔިތުން އުފުލަމުންދާ ތަކުލީފްތަކާ ގުޅިގެން ފެނަކަ އިން ވަނީ މައާފަށްވެސް އެދިފަ އެވެ.

ކަރަންޓް ނުލިބޭތީ ވައިކަރަދޫ ރައްޔިތުން ގެންދަނީ މަގުމައްޗަށް ނިކުމެ ނުރުހުންވެސް ފާޅުކުރަމުންނެވެ.

ވައިކަރަދޫ އިން އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި މިހާރު އެ ރަށަށް ފެނަކަ އިން ކަރަންޓް ދެނީ އެކި ސަރަހައްދުތަކަށް އެކި ވަގުތުތަކުގައި ކަމަށެވެ.

"މިހެން ކަރަންޓް ދޭތީ ރޯދަ މަހު ކާއެއްޗެތި ތައްޔާރުކުރުމަށްވެސް ވަރަށް ބޮޑެތި ދަތިތައް އެބަ ކުރިމަތިވޭ. އަނެއްކާ މިއީ އެންމެ ހޫނު ގަދަ އެއް ދުވަސްކޮޅު. ކިހާ ދަތިވާނެތޯ؟،" އަވަސްއާ ވާހަކަދެއްކި މީހަކު ބުންޏެވެ.