ވަރަށް ސިމްޕަލް ކުޑަ ކުޑަ ވާހަކައެއް ކިޔައިދެން ހެއްޔެވެ؟ އެއް ދުވަހަކު މި ޒުވާން އަންހެން ކުއްޖާ ގޮނޑިއެއްގައި މީހަކު ބޭންދި އެވެ. އަދި އެ ގޮނޑި ކައިރީގައި އޭނާ ހުއްޓުނެވެ. އެއީ މިދުހަތު އާދަމް (މިދޫ) އެވެ. މިދޫގެ އެ ގޮނޑީގައި އިށީނދެފައިި ދޮޅު ގަޑިއެއްހާއިރު ފަހުން އެ މީހަކު ތެދުވާއިރު އެ މީހާގެ މޫނުމަތިން މިދޫ ހެދި ޖާދޫ ފެންނާނެ އެވެ. އެއީ "މޭކަޕް ބައި މިދޫ" އެވެ.
މޭކަޕްގެ ކުލަތަކާއި ރީތި ބަދަލުގެ ތެރެއިން މިހާރު އެންމެ ހިނގާ އެއް ނަމަކަށް މިދޫގެ ނަން ވެއެވެ. ދާއިރާއަކަށް ނުވެ އޮތް ދާއިރާއަކަށް މިދޫ ބޯ ކޮށްޕާލީ ދިހަވަނަ ގްރޭޑް ނިންމާފަ އެވެ. މިދޫއަށް އެދިމާއަށް އެނބުރެން ކެރުނީތީ ހައިރާންވި މީހުން ވެސް ތިއްބެވެ. އެވެސް އެހާ ޅަ އުމުރުގައި ރައްޓެހިންނާއި އާއިލާގެ ފިއްތުންވެސް ކޮންމެވެސް ވަރަކަށް އޮއްވަ އެވެ.
މި ވާހަކާގައި އެންމެ ފުރަތަމަވެސް އަހާލަން އޮތީ ސުވާލެކެވެ. މިއީ ދެން އެހާ ކުރާ ހިތްވާ ކަމެއް ހެއްޔެވެ؟
"އެއް ދުވަސްވަރެއްގައި މޭކަޕަކީ ދިވެހިންގެތެރޭ އެހާ ބަލައިގަންނަ އެއްޗެއް ނޫން. އެކަމަކު ދިވެހިން މޭކަޕް ކުރޭ އަބަދުވެސް. މި ކަހަލަ ކަމެއް ފުލް ޓައިމް ވަޒީފާ އަކަށް ކުރެވޭނެ ކަމެއް އޭރު ނުވިސްނާ ގިނަ މީހުންނަށް. މިހާރު ވަރަށް ބޮޑަށް އެކަން ބަދަލުވެއްޖެ. މިދޫގެ އާއިލާ ވެސް މިހާރު ގަބޫލު ކުރޭ. ހިތްހަމަ ނުޖެހޭ ވާހަކަތައްވެސް ކޮންމެވެސް ވަރަކަށް ދެކެވުނު. އެކަމަކު، ވަޒީފާއެއްގެ ގޮތުގައި އާމްދަނީ ހޯދަން ވިޔަސް ކުރެވޭނީ ކުރާހިތްވާ ކަމެއް ދޯ؟" އޭނާ ބުންޏެވެ.
މޭކަފް ފަށަން އެދުރުވެސް ވާންޖެހޭނެ އެވެ. މޭކަޕް ފުރިހަމަ ވާނީ އޭރުންނެވެ. ބަލައިލަން ރީތިވެފައި ފަސޭހައޭ ހީވި ކަމަކަށްވިޔަސް މިއީ ވެސް އުނދަގޫ ހުނަރެކެވެ. ވަރަށް ބޮޑަށް ދަސް ކުރަން ޖެހެ އެވެ.
މޭކަޕް ދަސްކުރަން މިދޫ ދިޔައީ ރާއްޖެއަށް މޭކަޕްގެ އިންގިލާބެއް ގެނުވި މީހުންގެ ތެރެއިން "ލޭކޮކާ ރިޒްނާ" ގެ ގާތަށެވެ. އެދިޔަ ގޮތަށް ގޮސް ދެވަނަ ރިޒްނާ އަކަށްވާން ވެގެން ލޭކޮކާ ރިޒްނާގެ ކުރިމަތީގައި ހުއްޓުނީ އެވެ. ދެން ހުރީ ރިޒްނާ މޭކަޕް ކުރާ މަންޒަރު ބަލާށެވެ. އޭގެ ފަށް މޭކަޕް ކުރަން ގޮނޑީގައި އިށީންނަ މީހުންގެ މޫނާ ގުޅެނީ ކޮން ކުލަތަކެއްތޯ އާއި މޫނުގެ ބައްޓަން ފުރިހަމަ ކުރާ ގޮތާއި ގެންގުޅޭ އުކުޅުތައް އަހައި ދަސްކުރީ އެވެ. އެއް ކުލަ އަނެއް ކުލަ އާ ގުޅުމުވާއި މަޑު ކުލަތައް ބޭނުން ކުރާނެ ތަނާއި ގަދަ ކުރާނީ ކިހިނެތްކަން ދަސްކުރީ އެވެ. މަޑު މަޑުން އެ ކުލަތަކާ ކައިރިވެވުނެވެ. ފިއްސެއްގައި އަތްލެވި އެ ފިހިން ހުރިވަރެއް ދައްކާލާނެ ފުރުސަތު ހޯދި އެވެ.
ރިޒޫ ދަސްކޮށްދިން އުކުޅުތައް ބޭނުންކޮށްގެން މިދޫ ނުކުމެ ރާއްޖޭގެ އެތައް މަޝްހޫރު ފަންނާނެއްގެ މޫނު ސަޅިއޭ ބުނާހާ ރީތި ކޮށްލައިފި އެވެ. މޫނު އެކަންޏެއް ނޫނެވެ. ބުރުގާ އާއި އިސްތަށިގަނޑަށް ވެސް ގޮތް ގޮތް ހަދާލަނީ އެވެ. މިއީ ފުލް ޕެކޭޖެކެވެ.
މިދޫ އާއިލާގައި ވެސް ތިބީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރާ މީހުނެވެ. ޓީޗަރުންނާއި ޑޮކްޓަރުންނެވެ. މިދޫ ނެގީ ބޮޑު ރިސްކެކެވެ. މީހަކަށް ބެލުމެއް ނެތި މޭކަޕް ސެޓް ނަގައިގެން ތެދުވީ ދުވަހަކުވެސް އެކަން ދޫކޮށް ނުލަން ނިންމައިގެނެވެ.
"ލޭކޮކާ" ގެ ތެރެއިން މިދޫގެ ފިޔަފަޅައި މިހާރު މަސައްކަތް ކުރަނީ އަމިއްލަ އަށެވެ. ކައިވެންޏެއް ކޮށް އަމިއްލަ ފައި މައްޗަށް ތެދުވެއްޖެ އެވެ. ރަނގަޅު އާމްދަނީއެއް ލިބެ އެވެ. ބޮޑު މަޝްހޫރު ކަމެއް ހޯދައިފި އެވެ.
މިދޫ ބުނި ގޮތުގައި މިއީ ހޮބީ އެއް ނޫނެވެ. މިއީ ވަޒީފާ އެވެ. މި ވަޒީފާ އަދާ ކުރަނީ ގޭގަ އެވެ. ވަޒީފާގެ މާހައުލަކީ ކޮޓަރީގައި ހުންނަ ރީތިވާ މޭޒު ކައިރި އެވެ. އޭނާ ގެންގުޅޭ ފައިލްތަކާއި ގަނޑުތަކަކީ ކުލަފޮށި ތަކާއި ވަރުވަރުގެ ފިހިތަކެވެ. އަދި ފައުންޑޭޝަން ފުޅިތަކާއި ލިޕްސްޓިކްތައް މުޅި މޭޒުމަތި ފުރާލާފައި ހުރެ އެވެ.
"މިއީ ހޮބީ އެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. މިދޫއަކީ ފުލްޓައިމް މޭކަޕް އާޓިސްޓް އެއް. ފުލްޓައިމްގެ މާނަ އަކީ ދަންވަރު އޮންނަ ޕާޓީ އަކަށްވެސް ރެޑީވާން އަތުވެދާނެ ވަރަށް ލަހުން. އެހެންވީމާ މި ވަޒީފާގައި ނޯންނާނެ ވަކި ގަޑިއެއް. ކޮންމެ ފަދަ ގަޑިއެއްގައި ކޮންމެ ކަހަލަ ތަނެއްގައިވެސް މަސައްކަތް ކުރަންޖެހިދާނެ،"
މިދޫގެ ކުލަތަކުގައި މީހުން ޖެހެންފެށީ "މޯލްޑިވިއަން އައިޑަލް" ގެ ތަރިންގެ މޭކަޕާ ހަމައިންނެވެ. އެ ދިމާއަށް ދިޔައީ ދެލޯ މަރައިގެން ހުރެ އެވެ. ބިރުންނެވެ. އެކަމަކު އެއީ އޭނާގެ ހަޔާތުގެ "ޓާރިންގް ޕޮއިންޓެ"ވެ. އައިޑަލްގެ ދިގު ތިން ދަތުރުގައި ވެސް ސްޓޫޑިއޯތެރޭ އެތައް ވަގުތެއް މިދޫ ހޭދަ ކުރި އެވެ. ސްޓޭޖަށް އަރާ ކުދިން ދާހިތްލުމުން ފުއްޖައްސާލައި ކޮންމެ ދުވަހަކަށް ތަފާތު މޭކަޕްތައް ކޮށްދިނުމުގައި އަވަދިނެތި އުޅުނެވެ.
"އައިޑަލް އެއީ އަސްލު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަންތައް. އެހާ ބޮޑު އިންޓަނޭޝަނަލް ޝޯ އަކަށް ޗާންސް ލިބުންކަން ވެސް އެއީ ޝުކުރުވެރިވާ ކަމެއް. އެ ޝޯއިން އެތައް ފަންނާނަކާ ދިމާވެ އިތުރަށް ގުޅުން ވަރުގަދަވެގެން ދިޔަ. އަދި އެއަށްފަހު މިދޫގެ ކްލައިންޓުންގެ ގޮތުގައި އަންނަ މީހުން ގިނަވީ"
މިއީ މޭކަޕުގެ އެންމެ ގަދަ ކުލައަށް ވުމަށް ކުރާ ދިގު ދަތުރެކެވެ. ދަތުރު އަދި ނުނިމެ އެވެ. ފަހަރަކު ފިއްސަކުން، ކުލަ ޖައްސަމުން މިދޫ މި ދަތުރު ފުރިހަމަ ކުރާނެ އެވެ.
"ކޮންމެ މޭކަޕް އާޓިސްޓެއްވެސް ބޭނުންވާނެ އަމިއްލަ ސެލޫން އެއް ހުޅުވަން. އިރާދުކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަމިއްލަ ސެލޫންގައި މަސައްކަތް ކުރާނީ. މި މޭކަޕް ޕެލެޓް ތަކާއި ލިޕްސްޓިކްތައް ވެސް ހުންނާނީ އެ ސެލޫންގައި، ރީތިކޮށް އަތުރާލާފައި. ގެއަކު ނޫން. އެއީ ޑްރީމް އަކީ. އުއްމީދަކީ އެ ޑްރީމް އަސްލަށް ބަދަލުވާ ދުވަސް ފެނުން،"