ވިޔަފާރި

ދިރާގާއި ސްޕާކްހަބް އިން ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފި

Mar 23, 2019

ސްޕާކްހަބް އާއި ދިރާގު ގުޅިގެން ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށް ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފި އެވެ.

ދިރާގު މައި އޮފީހުގައި "ސްޓާޓްއަޕް ގްރައިންޑް އެކްސް" ގެ ނަމުގައި ބޭއްވި މި އިިވެންޓުގައި އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.

ދިރާގު މައި އޮފީހުގައި އިއްޔެ ބޭއްވި އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ ކަމަށެވެ.

"ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް [އިޖުތިމާއި ޒިންމާ] ގެ މުހިންމު ބައެއް،" އިސްމާއިލް ވިދާޅުވި އެވެ.

"ސްޓާޓް އަޕް ގްރައިންޑް" އަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތައް ނުކުންނަ ފަރާތްތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީ އެވެ.

މި ފަހަރު ދިރާގުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ ކުންފުންޏެއް ކަމަށްވާ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ. މި ކުންފުންޏަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ މަޓާޓޯ އާއި ގުޅިގެން މެލޭޝިއާގައި ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވެސް އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވެ އެވެ.

ދިރާގުން ސްޓާޓް އަޕް ގްރައިންޑް އިވެންޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މި އިވެންޓު ބާއްވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ސްޕާކް ހަބްއާ ގުޅިގެންނެވެ. މިއީ ދިވެހި ޒުވާން ޓީމެއް ހިމެނޭ ކުޅަދާނަ ކުންފުންޏެކެވެ.

އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯން ވެސް ބާއްވާފަ އެވެ. މި ހެކަތޯން ވެސް ބާއްވާފައިވީ ސްޕާކްހަބްއާ ގުޅިގެންނެވެ.