ދިރާގު

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

ދިރާގުން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާ އޮންނާނީ އެރޭ 8:15 ގަ އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް"ކޮށް ކަމަށްވާތީ ޖަލްސާގައި ހިއްސާދާރުންނަށް 'ފަހިވޯޓް' މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން މިމަހުގެ 26 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ދިރާގުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އެރުވިފައިވާ ކަމަށެވެ.

ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ.

އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވޭނީ މާލަމަށް ހާޒިރުވެ ވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެންގޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި ޖަލްސާއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓްގައި ވަނީ ޝާއިއުކުރެވިފަ އެވެ.