ދިރާގު

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް އެންޓަޓެއިންމަންޓް ކޮންޓެންޓް ރާއްޖެއަށް ގެންނަނީ

ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފި އެވެ.

މި ޕާޓްނާޝިޕާއެކު ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ މޯބައިލް އެޕްލިކޭޝަނަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި -- ލަޔަންސްގޭޓްގެ ސްޓްރީމިން މޯބައިލް އެޕްލިކޭޝަނެވެ.

ލަޔަންސްގޭޓަކީ 'ދަ ހަންގަ ގޭމްސް'، 'ޖޯން ވިކް'، 'ލާ ލާ ލޭންޑް' އަދި 'ނައިވްސް އައުޓް' ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ލަޔަންސްގޭޓް ޕްލޭއާ ގުޅިގެން މިފަދަ މުނިފޫހިފިލުވުމުގެ ކަލެކްޝަނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއާއެކު ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ރާއްޖެއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުން ވެގެންދާނެ. އެގޮތުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބަލާލެވޭނެ،" މިރްޝާން ވިދާޅުވި އެވެ.

ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވީ ދިރާގާއި ލަޔަންސްގޭޓް ޕްލޭއާ ދެމެދު ގާއިމު ކުރެވުނު ޕާޓްނަޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެކުންފުނީގެ ބައިވެރިވުން ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާ އެކުވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަމާއެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށްވެސް ރޯހިތު ވިދާޅުވި އެވެ.

މި ޕާޓްނަޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފަ އެވެ. އެގޮތުން ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެ އެވެ.

ސަބްސްކްރިޕްޝަން ބޭނުންކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯ އައިޑީ އަކީ ރާއްޖެ ސަރަހައްދަށް ރަޖިސްޓަރީ ކުރެވިފައިވާ އައިޑީއަކަށް ވާންޖެހެ އެވެ.

ދިރާގު އެޕް މެދުވެރިކޮށް ނުވަތަ މިލިންކް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު އީޒޯންއަށް ވަދެވޭނެ އެވެ.