ވިޔަފާރި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒަށް ކިޔާނެ ނަމެއް ހޯދަނީ

ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ދައްކާލަން ސަރުކާރުން ބާއްވާ، ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ކިޔާނެ ނަމެއް ހޯދަން އާއްމުންގެ ހިޔާލަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޒާމިރު އަވަސް އަށް ވިދާޅުވީ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒަށް ހާއްސަ ނަމެއް ކިޔަން ބޭނުންވަނީ މި ފެއާ މާކެޓު ކުރުމަށް ކަމަށެވެ.

"މިއީ އެންމެ ބޮޑު އެއް އެކްސްޕޯ. އެހެންވެ ވަކި ސްޕެސިފިކް ނަމެއް އޮންނަން ޖެހޭ. އެހެންވެ އެކްސްޕޯ އަށް ކިޔާނެ ނަމެއް ހޯދަނީ،" ޒާމިރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބްރޭންޑް ކުރުމުގެ ގޮތުން، މި ފެއާ އަށް ކިޔާނެ ނަމެއް ބޭނުންވާ ކަމަށެވެ. އެ މިނިސްޓްރީން ވަނީ މި މައުރަޒަށް ކިޔާނެ ނަމެއް ހޯދުމަށް އާއްމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގެ ނަން "އެކްސްޕޯ މޯލްޑިވްސް" އަށް ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އެގޮތުން އެކްސްޕޯ މޯލްޑިވްސްގެ ނަމުގައި ދެ ފެއާއެއް ބޭއްވި އެވެ. ނަމަވެސް އޭގެ ފަހުން މި އެކްސްޕޯ އިކޮނޮމިކް މިނިސްޓްރީއަށް ބޭއްވޭ ގޮތެއް ނުވި އެވެ.

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ޒަމީރު ވިދާޅުވީ "އެކްސްޕޯ މޯލްޑިވްސް" ގެ ނަން ބަދަލު ކުރަން ވިސްނަނީ އެ މަނަކީ އާއްމު ނަމަކަށްވާތީ ކަމަށެވެ.

"އެކްސްޕޯ ކީމަވާގޮތަކީ މާ ކޮމަން ވަނީ. ބޭރު މީހަކު ވެސް އެކްސްޕޯ ޖަހާލާއިރަށް ބައިވަރު އެކްސްޕޯތައް އެބައާދެ. އެހެންވެ ވަކި ސްޕެސިފިކް ނަމެއް ކިޔަން ވިސްނާފަ ހިޔާލު ހޯދަން ހުޅުވާލީ،" ޒާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަހަރު ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވަން ތައްޔާރުވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް ބައިވެރިވާން ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ފެއާ ބާއްވާނެ ތާރީހެއް އަދި ފައިނަލް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 12 އަހަރުގެ މެދުކެނޑުމަށްފަހު އެންމެ ފަހުން ބޭއްވީ 2016 ވަނަ އަހަރު އެވެ.