ދުނިޔެ

ފޭސްބުކުން އަންހެނާ ބާރުވެރިކޮށްފި! ފިރިހެން މީހާ ފަހަތަށް، އަންހެން މީހާ ކުރިއަށް!

Jul 9, 2015

އަންހެނުން ބާރުވެރިކޮށް ފިރިހެނުންނާ އެއް ސަފަކަށް ޖެއްސުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ވަރުގަދަ ކެމްޕޭނުގެ ތެރެއިން ފޭސްބުކްގެ އައިކަން ބަދަލުކޮށް ފިރިހެން މީހާ ފަހަތައް ޖައްސައި، މި އައިކަންގައި އަންހެން މީހާ ކުރިއަށް ޖައްސައިފި އެވެ.

ފޭސްބުކް ފެށީއްސުރެން އެމީހުންގެ ވެބްސައިޓްގެ ކަނާތްފަރާތު މަތިން ފެންނަން ހުންނަ މި އައިކަންގައި އަންހެން މީހާ ފެންނަން ހުރީ މިއޮތްހާ ދުވަހު ފިރިހެން މީހާގެ ފަހަތުގަ އެވެ. ފާހަގަކޮށްލަން ޖެހެނީ މި ތާރީޚީ ބަދަލަކަށް ފޭސްބުކް ދީދާލާފައި މި ވަނީ އަންހެނުންގެ ހައްގުތަކަށް ކެމްޕޭންކުރާ ފަރާތްތަކުގެ ފާޑުކިޔުން ފޭސްބުކަށް ނިކަން ބޮޑަށް އަމާޒުވެފައި ވަނިކޮށް ކަމެވެ.

ފޭސްބުކް މަޝްހޫރުވެފައި ވަނީ އަންހެނުން ބާރުވެރިކުރުމަށް ދެކޮޅުހަދާ ކުންފުންޏެއްގެ ގޮތުގަ އެވެ. ފޭސްބުކްގެ ޖުމްލަ މުވައްޒަފުންނަށް ބަލާއިރު 69 ޕަސެންޓަކީ ފިރިހެނުންނެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ހިތްހަމަޖެހޭ އަދަދެއް ނޫނެވެ.

މީގެ އިތުރުން މި ކުންފުނީގެ އިސް މަގާމުތަކުގައި ވެސް އަންހެނުންނަށް ފުރުސަތެއް ނެތުމުން އަމާޒުވެފައިވާ ފާޑުކިޔުންތައް ބޮޑެވެ. ފޭސްބުކްގެ އިސް މަގާމުތަކަށް ބަލާއިރު 85 ޕަސެންޓަކީ ފިރިހެނުންނެވެ.

ކޮންމެއަކަސް ފޭސްބުކުން މިފަހަރު މި ގެނައި ބަދަލަކީ އަމާޒުވެފައިވާ ފާޑުކިޔުންތަކުން ސަލާމަތްވެވިދާނެ ބަދަލެއް ކަމަށް ފެނެ އެވެ. އައިކަން ބަދަލުކުރިއިރު ކުރިން ބޭނުން ކުރަމުން އައި ގްރޫޕް އައިކަން ވެސް ފޭސްބުކުން ވަނީ ބަދަލުކޮށްފަ އެވެ. ކުރީގެ ގްރޫޕް އައިކަންގައި އަންހެން މީހާ އެންމެ ފަހަތުން ކަހަލަ ގޮތަކަށް ފެންނަން ހުއްޓަސް މިހާރު ހުރީ ދެ ފިރިހެނުންގެ މެދުގަ އެވެ.

ފޭސްބުކްގެ އައިކަންގައި އަންހެން މީހާ ކުރިއަށް ޖެއްސިއިރު ކުރިން ބޭނުންކުރަމުން އައި އައިކަންގައި އަންހެން މީހާ އާއި ފިރިހެން މީހާގެ އައިކަންގެ ސައިޒް ތަފާތުވި ނަމަވެސް އަލަށް ތައާރަފްކޮށްފައިވާ ފުލް އައިކަންގައި އަންހެން މީހާ އާއި ފިރިހެން މީހާ ވަނީ ސައިޒުން ވެސް ހަމަހަމަކޮށްފަ އެވެ.

އައިކަން އަށް ބޮޑު ބަދަލެއް ގެނެސް އަންހެނުން ބާރުވެރިކުރުވުމުގެ ކެމްޕޭން ފޭސްބުކުން ސޯޝަލް މީޑިއާގައި އާ އުސްމިނަކަށް ކޮށްޕާލާފައިވާއިރު އެމީހުންގެ މި ހުރިހާ ޑިޒައިން ބަދަލުގެ ފަހަތުގައި ހުރީ އަންހެނެއް ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ފޭސްބުކްގެ ޑިޒައިން މެނޭޖަރު، ކެޓްލިން ވިނާގެ މި ބަދަލަށް އެއް ބަޔަތު އަތް ޖެހި ނަމަވެސް ބައެއް މީހުން މި ބަދަލު ސިފަކުރަނީ ހަމަހަމަކަމަކަށް ވުރެ ބޮޑަށް "ފެމިނިސްޓް" ފިކުރުގައި ގެނެސްފައިވާ ބަދަލެއްގެ ގޮތުގަ އެވެ. 

އަނެއްކޮޅުން ހަމަހަމަކަމުގެ ބަދަލެކޭ ކިޔައި އަންހެން މީހާގެ ފަހަތަށް ފިރިހެން މީހާ ޖައްސާލުމުން ބައެއް ފިރިހެނުން ވެސް ތިބީ މޫނުކުނިކޮށްލައިގެންނެވެ.