ހަބަރު

"ބަންގްލަދޭޝް ލޭބަރުންނަށް ދިމާވާ ދަތި ހައްލުކޮށްދޭނަން"

Mar 27, 2019
2

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ބަންގަލަދޭޝްގެ 48 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ބޭއްވި ހަފްލާ ޝަރަފުވެރި ކޮށްދެއްވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އެންމެ ބޮޑު ބަޔަކީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށެވެ. އަދި އެ މީހުންނަކީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި، އިގްތިސާދީ ކުރިއެރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ބައެއްކަން ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ މައްސަލައެއް އެއީ. ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ،" ނައިބު ރައީސް ވިދާޅުވި އެވެ.

ބަންގްލަދޭޝްއާއެކު އޮތް ޒަމާންވީ ގުޅުމަކީ ރާއްޖެއަށް އަބަދުވެސް ވަރަށް ހާއްސަ ގުޅުމެއް ކަމުގައިނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި ބަންގްލަދޭޝްއިން އަދާ ކޮށްފައިވާ މުހިންމު ދައުރު ފާހަގަ ކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނު އެ ގައުމަށް ޝުކުރު އަދާކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ބަންގްލަދޭޝްގެ ސަރުކާރުން އެ ގައުމުގެ ތަރައްގީއަށް ގެންގުޅޭ "ބަންގްލަދޭޝް ވިޝަން 2021" އާއި "ވިޝަން 2041" ގެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ހާސިލްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ތަރައްގީއަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ކާމިޔާބުކަމާއެކު ހާސިލްކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.