އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ކޮންފަރެންސްގެ މިއަހަރުގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ސުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މި ޝިއާރަށް އަލިއަޅުއްވާލައްވާފަ އެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިސްލާހީ ބަދަލުތައް އިހުތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖު ކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާ ކަނޑުގެ އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް ރައީސް ސޯލިހުގެ ސަރުކާރުން ވިސްނާ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.
މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާއީ އިގުތިސާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި ޓެރަރިޒަމާއި އިންސާނީ ވަގުފާރިއާއި ގާނޫނާއި ހިލާފަށް ކުރާ ހިޖުރައާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ރިޕޯޓް ނުކުރެވޭ މަސްވެރިކަމާއި ގާނޫނާ ހިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރެއްވި އެވެ.
އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ގައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުގެ އިތުރުން އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމްކުރުމަށް ތިމާވެށި ރައްކާތެރިކުރުމާއި ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ހުރިހާ ގައުމެއްގެ ޒިންމާއެއް ކަމުގައި ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި މައްސަލަތައް ހައްލުކޮށް، އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފަ އެވެ.