ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަންގްލަދޭޝްއާ އެކު ގާތްގުޅުމެއް ބާއްވަން ބޭނުން: ރައީސް

ރާއްޖެއާއި ބަންގަލްދޭޝްގެ ގުޅުން އިތުރަށް ފުޅާކޮށް އެ ގައުމާ އެކު ގާތްގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބަންގަލްދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކަަމަނާއާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށްފަހު ދެއްވެވި ގުޅިފައިވާ ބަޔާނުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބަންގްލަދޭޝްއާއި ރާއްޖޭގެ ގުޅުމަކީ ވަރަށް ތާރީހީ ގުޅުމެއް ކަމަށާއި އަދި ދީނާއި ސަގަފާތާއި އާދަކާދައިގެ ގޮތުން ވެސް ދެ ގައުމުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ދެ ގައުމުގެ ވެރިންގެ ބައްދަލުވުންތައް އިތުރުވެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

"ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއާއި މަތީތައުލީމުގެ ދާއިރާއާއި އިންސާނީ ވަސީލްތަކަށާއި އަދި ދިފާއީ ކަންކަމަށް ބަންގްލަދޭޝް އިން މުހިއްމު އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމްއެންޑީއެފް އަށް ބަންގްލަދޭޝްއިން ހަދިޔާ ކުރި އަސްކަރީ 13 އުޅަނދުގެ ވާހަކަ ވަކިން ފާހަގަކުރައްވައި ރައީސް ވަނީ ބަންގްލަދޭޝްގެ ސަރުކާރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.

ޝައިހް ހަސީނާގެ މިދަތުރުފުޅާ ދިމާކޮށް ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށާއި ބަންގްލަދޭޝްއިން ފްރޮފެޝަނަލް ސިއްހީ ހިދުމަތްތެރިން ރެކްރޫޓްކުރުމަށް އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލްކަން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގައި ދިގު މުއްދަތަކަށް ވިސާ ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ވެސް ބަންގްލަދޭޝް ސަރުކާރުގައި މިހާރު އެދިފައިވާނެ ކަމަށެވެ.

މީގެ އިތުރަށް މޫސުމަށް އަންނަ ބަދަލުތަކާއި ހައްދު ފަހަނައަޅައި ދިއުމާއި ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރަން ގުޅިގެން މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރާ އެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.