ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ފަރާތުން މިކަން ހާމަކުރީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން، ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމާ އެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން އާންމުކުރި ހަބަރުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު ހެނދުނު ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ނައިބް ރައީސްއާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ މި އަހަރުގެ ތެރޭގައި ދެ ގައުމުގެ އެންމެ އިސް އޮފިޝަލުން އެކި ފަހަރު މަތިން ބައްދަލުވެ ކުރެވުނު މުޢާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ މި އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަން ރޭވިފައިވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ކޮވިޑަށްފަހު ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައި ވުމާއި ކޯވިޑް-19 މެނޭޖްކުރުމުގައި ރާއްޖެއިން އަމަލުކުރި ގޮތްތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި ވަކި ގައުމެއްގެ ބަޔަކު ތަފާތުކުރުމެއް ނެތި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުމަށް ރާއްޖެއިން ނިންމި ނިންމުމަށް ވެސް އޭނާ ތައުރީފް ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ވިދާޅުވީ ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުން ކަމަށެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއެކު، ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އަމާޒު ހިފާފައި ވަނީ ހިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ގާތަށް ގެނެސްދިނުމަށް ކަމުގައި ވިދާޅުވި އެވެ.
މިބައްދަލުކުރެއްވުމުގައި ފައިސަލް ނަސީމް ވިދާޅުވީ ދާދިފަހުން އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތުގެ ދަތިކަމަށް ހައްލުތަކެއް ހޯދުމަށް މަގުފަހިކުރުން ކަމަށެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއެކު، ސިއްހީ ހިދުމަތްތެރިންގެ ބޭނުންތެރިކަން އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ރާއްޖެ ލާމަރުކަޒުކޮށް ހިންގުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އަމާޒު ހިފާފައި ވަނީ ހިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތަށް ގެނެސްދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ ވިޔަފާރިއާއި ގުޅުންތައް އިތުރުކުރުމާއި، އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވ އެވެ. ބަންގްލަދޭޝްގެ ފޮރިން ސާވިސްގައި އަލަށް އުފެއްދި އިންސްޓިޓިއުޓްގައި ތަމްރީނު ހެދުމަށް ރާއްޖޭގެ ފޮރިން ސާވިސްގެ މުވައްޒަފުން ފޮނުވުމަށް މައްސޫދު ވަނީ ރާއްޖެއަށް ދައުވަތު ވެސް ދެއްވާފަ އެވެ. މި ދައުވަތު ގަބޫލުފުޅުކުރައްވައި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދާދިފަހުން ދިވެހިރާއްޖޭގެ ހާރިޖީ ހިދުމަތުގެ ގާނޫނުގެ ދަށުން ފޮރިން ސާވިސް އިންސްޓިޓިއުޓެއް އެ މިނިސްޓްރީގެ ދަށުން ހިންގުމަށް މަގުފަހިވެގެން ގޮސްފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.