ރައީސް އޮފީސް

ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހު

Dec 19, 2021
1

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ދިވެހިރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މި މަހު 22 އިން 27 އަށް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދަތުރުފުޅުގައި އެ ކަމަނާގެ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނީ މި މަހުގެ 22 ން 23ގެ ނިޔަލަށެވެ. ބާކީ ދުވަސްތަކުގައި ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރައްވާނެ އެވެ.

‎ހަސީނާގެ މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި އަހަރުގެ މާޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

‎އެކަމަނާގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ހަމަޖެހިފައިވެ އެވެ.

މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމަކީ މިހާރުވެސް ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތަކެވެ. ދެ ގައުމު ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާއެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝްގެ މެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު 22، 1978 ވަނަ އަހަރުގަ އެވެ.