ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަ ނުކުރާ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލު އަލުން އެކުލަވާލައި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ނިންމުންތަކާމެދު ހިޔާލު ތަފާތުވި ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގަ އާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަ ދައްކައި، ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގައި ލިޔެ ނެހެދޭ ގޮތް ހަދައިފި އެވެ.
މިއަދު އާންމުކުރި އެ އުސޫލުގައި ބުނެފައި ވަނީ ސިޔާސީ މުވައްޒަފުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި ނައިބު ރައީސާއި މުވައްޒަފު ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އި ސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތައި ނިންމުންތަކާމެދު ހިޔާލު ތަފާތު ވި ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިވަކި ފަރުދުންގެ ގާތުގަ އާއި އާންމު ތަންތާނގައި ނުވަތަ މީޑިއާގައި ވާހަކަދައްކައި، ނޫސް މަޖައްލާތަކާއި ސޯޝަލް މީޑިއާގައި ލިޔެ ނުހެދޭ ކަމަށެވެ.
ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަން ދިނުމާއެކު ސަރުކާރުގެ ސިޔާސަތާ ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުގެ މަސްއޫލިއްޔަތާ ފުށުއަރާ ކަމަކަށް މަގުފަހި ވެދާނެ އުސޫލުތަކެއް ގެންގުޅެގެން ނުވާނެ ކަމަަށްވެސް އޭގައި ބުނެފައި ވެއެވެ. އަދި އެއްވެސް މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމާއި މަގާމުގެ ނުފޫޒުގެ ބޭނުން ކޮށްގެން، އަމިއްލަ މަންފާއެއް ހާސިލު ކުރުމަށް ނުވަތަ އެހެން މީހަކަށް މަންފާއެއް ހާސިލުކޮށް ދޭން މަސައްކަތް ކޮށްގެން ނުވާނެ ކަމަށްވެސް ވެއެވެ.
ސަރުކާރުގެ އެއްވެސް މުދަލެއް ފައިސާއެއް، ވަސީލަތެއް މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ ބޭނުން ނުކުރުމާއި ސިވިލް ސާވިސްގެ މުވައްޒަފަކު ލައްވާ ގާނޫނާއި ސިވިލް ސާވިސްގެ ގަވާއިދާ ހިލާފުވާން ބާރު ލިބޭ ފަދަ އެއްވެސްކަމެއް ކުރުވައިގެން ނުވާނެ ކަމަށްވެސް ވެއެވެ.
މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ އެއްވެސް މައުލޫމާތެއް، އަމިއްލަ މަސްލަހަތެއް ހާސިލު ކުރުމަށް ނުވަތަ އާއިލީ ގުޅުމެއް އޮތް ނުވަތަ ރައްޓެހިކަމުގެ ގުޅުމެއް އޮތް ނުވަތަ އެނޫން ވެސް ގުޅުމެއް އޮތް މީހެއްގެ މަސްލަހަތެއް ހާސިލު ކުރުމަށް ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ރަސްމީގަޑީގައި އެހެން ވަޒީފާއެއް އަދާ ނުކުރެވުން
މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން ރަސްމީ ގަޑީގައި، އެ މުވައްޒަފު އެހެން އެއްވެސް ވަޒީފާއެއް އަދާ ކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަން ބަލާނެ ގޮތެއް އުސޫލުގައި ބުނެފައެއް ނުވެ އެވެ. ރޯދަ މަހު އޮފީހަށް ހާޒިރުވާން ސަރުކާރުން ހަމަޖައްސާ ގަޑިއަކަށް ހާޒިރުވެ، ހާޒިރުވިކަން ރެކޯޑު ކުރަން އޮންނަ އުސޫލަކުން، އެކަން ރެކޯޑު ކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
މި އުސޫލުގައި އެފަދަަ މުވައްޒިފުން އޮފީހަށް ހާޒިރުވާން ޖެހޭ ގަޑިތައް ބުނެފައި ވެއެވެ. އެއްވެސް ސަބަބަކާހުރެ އޮފީހަށް ހާޒިރު ނުވެވޭގޮތް މުވައްޒަފަށް ދިމާވެއްޖެނަމަ، ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާ އަށާއި، އޮފީހުގެ ހާޒިރީ ބަލަހައްޓާ މީހާއަށް އެ ދުވަހެއްގެ ހެނދުނު 9:30 ގެ ކުރިން އަންގަން ޖެހެ އެވެ.
ގަޑީ ލާރި ކަނޑާނެ
މި އުސޫލު ބުނާ ގޮތުން މުވައްޒަފު ހާޒިރުވާން ޖެހޭ ގަޑިއަށް ވުރެ ލަހުން ހާޒިރު ވެއްޖެނަމަ ގަޑީލާރި ކެނޑޭނެ ކަމަށް ވަނީ ބުނެފަ އެވެ. އާންމު މަސްމަހުގެ ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:31 ހިނގުމަށް ފަހު އޮފީހަށް ހާޒިރު ވެއްޖެނަމަ، ގަޑީ ލާރި ކަނޑާނެ އެވެ. އަދި އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން މުވައްޒަފަށް ގަޑިއަށް އޮފީހަށް ހާޒިރުވެ ހާޒިރީ ރެކޯޑު ނުކުރެވިއްޖެނަމަ އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ، މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގައި ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވި ގަޑި ރެކޯޑުކުރަން ޖެހެ އެވެ.
އުސޫލު ބުނާ ގޮތުން ގަޑީލާރި ކެނޑުމުގައި ވަގުތު ބަލާނީ މިނެޓުންނެވެ. މިނެޓަކަށް ޖެހޭ އަދަދު ބަލާނީ، މަހު މުސާރަ، އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު އާންމު ރަސްމީ ގަޑި ކަމަށް ހަމަޖައްސައިފައި އޮންނަ ގަޑީގެ އަދަދުން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެނެވެ. އެއީ، ރޯދަ މަސް ފިޔަވައި އެހެން މަސް މަހު، އެ މަހެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދުން ގެއްލީމާ އަންނަ އަދަދު، ރަސްމީ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދު 60 އިން ގެއްލައިގެންނެވެ. އަދި ރޯދަ މަހު، އެ މަހުގެ މުސާރަ 30 އިން ގެއްލީމާ އަންނަ އަދަދު، ރަސްމީ މަސައްކަތު ގަޑިން ގެއްލީމާ އަންނަ އަދަދު، 60 އިން ގެއްލައިގެންނެވެ.
މީގެ އިތުރުން ޗުއްޓީ އާއި ސަލާންބުނުމާއި ދަތުރުތައް ދެވޭނެ ގޮތްވެސް އުސޫލުގައި ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވެއެވެ. އަދި މަސައްކަތުގައި އުޅޭއިރު ހެދުން އަޅަންވީ ގޮތާއި މަގާމުގެ ހައިސިއްޔަތުން ލިބިފައިހުރި މައުލޫމާތު، މަގާމުން ވަކިވުމަށްފަހު ބޭނުން ކުރެވޭނެ ގޮތާއި އުސޫލުގައިވާ ކަންތައްތަކާ ހިލާފުވުން އަމަލު ކުރާނެ ގޮތްވެސް ބަޔާން ކޮށްފައި ވެއެވެ.