ފައިސަލް ނަސީމް

ފައިސަލް، ބަންގްލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

May 13, 2023

ނައިބް ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީންއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން އޮތީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބް ރައީސް ފައިސަލް ބަންގްލަދޭޝްގެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ރިޔާސީގަނޑުވަރު ގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ބަންގްލަދޭޝްގެ އާ ރައީސްގެ މަގާމާ ޝަހާބުއްދީން ހަވާލުވެވަޑައިގެންވުމާ ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ތަހްނިޔާ ވިދާޅުވެފަ އެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް 45 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ދެ ގައުމަށްވެސް ފައިދާ ހުރި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

ދިވެހިރާއްޖެއިން ބަންގްލަދޭޝްއާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ ސެޕްޓެމްބަރު 22، 1978 ގައެވެ.