ފައިސަލް ނަސީމް

ފައިސަލް، ޝައިޚް ހަސީނާއާ ބައްދަލުކުރައްވައިފި

Nov 24, 2021

ނައިބް ރައީސް ފައިސަލް ނަސީމު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ޑިޕްލޮމެޓިކެއް އެއްވެސް ކަމެއްގެ މައުލޫމާތު ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރި ހަމައެކަނި މައުލޫމާތުގައި ބުނެފައިވަނީ މިބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.

ނައިބް ރައީސް ބަންގްލަދޭޝް އަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު މީގެކުރިން ވަނީ ބަންގްލަދޭޝްގެ ރައީސްއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވާ ރާއްޖެއަށް މުހިއްމު ކަންކަމުގައި މަޝްވަރާކުރައްވާފަ އެވެ.

ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.