ރައްޔިތުންގެ މަޖިލިސް

ބަންގްލަދޭޝްގެ 135،149 ވާކްޕާމިޓް، ފައިސާ ދައްކަނީ 39،004

ރާއްޖޭގައި ބަންގްލަދޭޝްގެ 135،149 މަސައްކަތްތެރިންނަށް މިވަގުތު އެކްޓިވް ވާކްޕާމިޓް ދޫކޮށްފައިވާއިރު ގަވާއިދުން ފައިސާ ދައްކަނީ 39،004 ވާކްޕާމިޓަށް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ބާކީ ހުރި ވާކްޕާމިޓްތަކަކީ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށް ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދައްކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކުރީގައި މި ދެންނެވިހެން ބޯޑާ ކޮންޓްރޯލް ސިސްޓަމުން ބަލާއިރުގައި ރާއްޖެ ދޫކޮށް ގޮސްފަ ތިބި މީހުން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ވަރަށް ގިނަ ކުންފުނިތަކުން ބިދޭސީން ގެނެސް މައްސަލައެއް ދިމާވެ ފިލައިގެން ދިއުމުން ސަރުކާރުގެ އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް ރަނގަޅަށް ކޮށްފައިނުވާ ކަމަށެވެ.

"އެ މީހާ ފިލައިގެން ދިޔައީމަ މިސިންގް އަށް މިލަނީ. މިސިންގްއަށްލުމަކީ އެ މީހާ ރާއްޖެއިން ގޮއްސިކަމުގެ ހެއްކެތް ކަމަށް އަދި ނުބެލެވޭ. ހަމައެއާއެކު މިސިންގައި ހުންނަ މީިހާ ފުރައިގެން ދިއުމަށްފަހުގައިވެސް އެބަހުރި އެމީހާ ކޮމްޕްލީޝަނަކަށް ނުގޮސް ވާކްޕާމިޓް ކެންސަލްނުކޮށް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެކްޓިވް ވާކްޕާމިޓްގެ ތެރޭގައި އެ ވާކްޕާމިޓެއްގެ ދަށުން އެ މީހާ ރާއްޖެ އަދި ނާންނަ ޕާމިޓްތަކަކީވެސް އެކްޓިވް ވާކްޕާމިޓެވެ.

"އެ ޕާމިޓެއްގެ ދަށުން ރާއްޖެ އައިސް އޭނަ އަނބުރާ ރާއްޖެ ދޫކޮށް ގޮއްސަ އެ ކުންފުންޏަކުން އެ ޕާމިޓް ކެންސަލް ނުކުރާނަމަ އެއީ އެކްޓިވް ވާކް ޕާމިޓް،" އިހުސާން ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ އަލުން ދިން ފަހުން 5،400 ވާކްޕާމިޓް ދޫކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ރާއްޖެ އައިސްފައިވަނީ 4،000 މީހުން ކަމަށް އިހުސާން ވިދާޅުވި އެވެ.