މިނިސްޓަރު އަލީ އިހުސާން

ގަވާއިދާ ހިލާފަށް ބިދޭސީން ގެނައުމުގައި މުއައްސަސާތަކުގެ ވެރިން ބައިވެރިވޭ: ވަޒީރު

ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖެ ގެނައުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެ އިހުމާލުވެފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ގެނައުމުގައި މުއައްސަސާތަކުގެ ތެރޭގައި ތިބި މީހުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކަނޑައެޅިގެން މީގެ ތެރޭގައި އެބަތިބި އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވި ތަހުގީގުވެސް ކުރެވެމުންވެސް އެބަދޭ މަގާމުގައި ލިބިފައިވާ އޮތޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދިވެހިރާއްޖެއަށް މި އޮތް ލޫޕްހޯލްގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވިފަ އެބަ އޮތް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ މީހުންނާ ދޭތެރޭ ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވިދާޅުވީ ރާއްޖޭގައި ބަންގްލަދޭޝްގެ 135،149 މަސައްކަތްތެރިންނަށް މިވަގުތު އެކްޓިވް ވާކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި އޭގެތެރެއިން ގަވާއިދުން ފައިސާ ދައްކަނީ 39،004 ވާކްޕާމިޓަށް ކަމަށެވެ.