ފައިސަލް ނަސީމް

ފައިސަލް، ބަންގްލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

Nov 23, 2021

ނައިބް ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދާ ބައްދަލުކުރައްވައިފި އެވެ.

ފައިސަލް، ބަންގްލަދޭޝް އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ބޭފުޅުން މިއަދު ބައްދަލުކުރެއްވީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ނައިބް ރައީސް މިއަދު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި، މިނިސްޓާ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓާއި، މިނިސްޓާ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އިތުރުން މިނިސްޓާ އޮފް އެޑިއުކޭޝަނާ އެކު ވެސް ވަކިވަކި ބައްދަލުވުންތަކެއް ބާއްވަވާފަ އެވެ.

މީގެއިތުރުން ނައިބް ރައީސް މިއަދު ވަނީ ޑާކާގެ ހޮޓެލް އިންޓަކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

ނައިބް ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.