ރާއްޖެ އުފާކޮށްދިން ހާއްސަ ދެ ކުދިން!

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ އޮލިމްޕިކްސް އެވެ. އެ ހަރަކާތުގައި ބައިވެރިވެ ރަން ވަނަ އެއް ހޯދުމުގެ އުއްމީދުގައި އަހަރުތަކެއް ވަންދެން ތައްޔާރުވާ އެތުލީޓުން އުޅެ އެވެ. ވަނައެއް ނުލިބުނަސް އެ މުބާރާތުގައި ބައިވެރިވެވުމަކީ ވެސް ކުޅިވަރުގެ ދުނިޔޭގައި މީހުން އުއްމީދެއް އަދި ފަހުރެކެވެ. "ޕެރެއޮލިމްކިސް" އަށްފަހު ދުނިޔޭގައި ބާއްވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި ރާއްޖެއިން ވަނީ ރަސްމީކޮށް ބައިވެރިވެ ބޮޑެތި ގައުމުތަކުގެ ކައިރީގައި ނަން ވިދުވާލައި ބޮޑު ކޮށްލާފަ އެވެ.

މިއަހަރުގެ ސްޕެޝަލް އޮލިމްޕިކްސް ބޭއްވީ މި މަހުގެ 14 އިން 21 އަށް އަބޫދާބީގަ އެވެ. ދުނިޔޭގެ 170 ގައުމަކުން ވާދަކުރި އޮލިމްޕިކްސްގައި ރާއްޖެ އުފާކޮށްދޭން ދިވެހި ހަތަރު އެތުލީޓަކު ދިޔަ އެވެ.

ރާއްޖެ ތަމްސީލުކޮށް ވަނަ އެއް ހޯދުމުގެ އަޒުމުގައި ދުވާ ޓްރެކްގައި ހުންނަ އިރު ތަފާތު އިހުސާސެއް ކުރެވޭނެ އެވެ. ދިވެހި ދިދަ ހިފައިގެން ދިޔަ ރާއްޖޭގެ ދުވުންތެރިން، ޓްރެކް މަތީ ދުވެލީ ފުލް އިސްޕީޑުގަ އެވެ. ލެވުން ބާރެއްލާފައި ދުއްވައިގަތީ މެޑެއްޔާ ދިމާއަށެވެ. ނިމުނު އިރު ރާއްޖެއިން ބައިވެރިވި ދެ އެތުލީޓެއްގެ ކަރުގައި ރަނާއި ރިހި މެޑަލި އެޅުވި އެވެ. އަދި ޓޮޕް ފައިވްއަށް އެރި ކަމުގެ މެޑެލި ދިވެހި ހުރިހާ ދުވުންތެރިންނަށް ލިބުނެވެ.

މި މުބާރާތުގައި ރާއްޖެއިން ވަނަ ހޯދި އެތުލީޓުންގެ ތެރެއިން، އެންމެ ވިދާ މެޑަލަކަށްވީ އަންހެނުންގެ ބައިން 100 މީޓަރަށް ދުވި ޝިފްނާ އަހްމަދުގެ ކަރުގައި އަޅުވާފައި އޮތް މެޑައްޔެވެ. އޭނާ ދުވުން ނިންމާފައިވަނީ 18 ސިކުންތުންނެވެ.

ޝިފްނާ ބުނި ގޮތުގައި، މިއީ އޭނާ ދުވަހަކު ވެސް ނުކުރާ ތަފާތު ތަޖުރިބާ އެކެވެ. ރޭސް ނިމި އޭނާގެ ނަން ގޮވުމުން ކުރެވުނީ ގައުމީ އިހުސާސެކެވެ.

"މެޑަލް އެޅުވި ވަގުތުކޮޅު ވަރަށް އުފާވި. މާތް ﷲ ނިއުމަތަށް ޝުކުރު ކުރިން... މަންމަ އާއި ބައްޕަ މަތިންވެސް ހަނދާންވި. ދުވަން ވެގެން މާލެ އިން ފުރުމުގެ ކުރިން މަންމަމެން ކައިރީ ބުނިން ވަނަ އެއް ހޯދައިގެންނޭ އެނބުރި އަންނާނީ. ގޯލްޑް މެޑަލް ލިބި މަންމަމެން އުފާ ކޮށްދެވުނީތީ ވަރަށް އުފާވި އެ ވަގުތު،" ޝިފްނާ އަށް ކުރެވުނު އިހުސާސް ސިފަ ކުރި އިރު އޭނާގެ ލޮލުން އުފަލުގެ ކަރުނަ ފުންމާލި އެވެ.

ޝިފްނާ ބުނި ގޮތުގައި ދުވުމުން އެއް ވަނައާއެކު ރަން މެޑަލް ލިބުމުން ގައުމު އުފާވާ ވަރު ކަމެއް ކޮށްދެވުނު ކަމުގެ އިހުސާސް ވެއްޖެ އެވެ.

ޝިފްނާއާ ވާދަކޮށް މި ކެޓަގަރީން ދެ ވަނަ އަށް ދިޔައީ 18:07 ސިކުންތުން ދުވި އިކްއެޓޯރިއަލް ގިނީގެ މާރިއާ މެގްޑަލޭނާ އެވެ. ދެން މެޑަލް ހޯދީ 19:31 ސިކުންތުން ދުވި ބުރުންޑީގެ ނިޝިމަގިޒްވޭ އޮޑެއްޓޭ އެވެ.

ޝިފްނާ ބުނި ގޮތުގައި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ މީހުނާއެކު ޓްރެކްގައި ދުވެވޭނެ ކަމުގެ ހުވަފެން ދުވަހަކުވެސް އޭނާ ނުދެކެ އެވެ. އަދި މި ހާއްސަ އޮލިމްޕިކްސްގައި ދުވަން ލިބުމަކީވެސް އުއްމީދުކުރި ކަމެއް ނޫނެވެ.

"މީގެ ކުރިންވެސް ދުވެފައި ހުންނާނީ އެކިކަހަލަ މުބާރާތްތަކުގައި، ކެއާ ސޮސައިޓީ އިން ބާއްވާ މުބާރާތްތަކުގައި ދުވަން. ރޯޑް ރޭސް ތަކުގައި ވެސް ދުވަން. އެކަމަކު، ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވެވޭނެ ކަމަށް ހިޔެއް ނުކުރަން،" ޝިފްނާ ބުންޏެވެ.

ޝިފްނާ އާއެކު މުބާރާތުގައި ރިހިން ވިދާލި ދިވެހި އެހެން ދުވުންތެރިއެއް ވެސް އެބަ ހުއްޓެވެ. ދުވުމުގެ މުބާރާތްތަކުގައި މަދުން ނަމަވެސް ފެންނަ ވަސްމީ ވަސީމް ވަނީ ސްޕެޝަލް އޮލިމްޕިކްސް ފިރިހެނުންގެ 200 މީޓަރު ދުވުމުގެ ހަތަރު ވަނަ ކެޓަގަރީން ރިހި މެޑަލް ހޯދާ އެވެ. އޭނާ ދުވީ 27:25 ސިކުންތުންނެވެ.

ވަސްމީ ބުނި ގޮތުގައި، މުބާރާތަށް ތައްޔާރު ވުމަށް ހޭދަ ކުރި ވަގުތާ ބަލާފައި މިއީ އުއްމީދު ކުރި ހިސާބެއް ނޫނެވެ.

"މި މުބާރާތުގައި ބައިވެރިވާން ޕްރެކްޓިސް ކޮށްފައިވަނީ އެންމެ މަހެއް ތެރޭ. މަހެއް ވެސް ހަގީގަތުގައި ނުވާނެ. ބައިވެރިވާ ކަމުގެ ޔަގީންކަން ލިބުނީ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް. ހަފްތާއަކު ތިން ދުވަސް ވަރު ހޭދަކޮށްގެން ޕްރެކްޓިސް ކުރުމަށްފަހު ދިޔައީ" ވަސްމީ ބުންޏެވެ.

ރާއްޖޭގެ ބައެއް އެތުލީޓުން ވަނީ މީގެ ކުރިންވެސް އަމިއްލަ ހައިސިއްޔަތުން މި ގޭމްސްގައި ބައިވެރިވެފަ އެވެ. ސްޕެޝަލް އޮލިމްޕިކްސް ކޮމިޓީއެއް ހަދައި ރަސްމީކޮށް ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ. މި ކޮމިޓީއިން ވަނީ ދުވުންތެރިންނަށް ކޯޗެއް ހަމަޖައްސައިދީ ކުޑަ ދުވަސްކޮޅެއްތެރޭ ފަރިތަކުރުންތައް ބޭއްވޭ ވަރު ކޮށްދިނެވެ.

ދުވުންތެރިންނަށް އެންމެ ގާތުން އެހީވެފައިވާ އެއް ކޯޗު ކަމަށްވާ އަބްދުﷲ މަސްއޫދު ބުނި ގޮތުގައި މިކަހަލަ ބޮޑު މުބާރާތަކުން ރާއްޖެއަށް ވަނަ ހޯދައިދީ ފަހުރުވެރިކޮށްލެވޭނެ ކަން ދިވެހި ކުދިން ދައްކައިފި އެވެ. އަދި ލިބުނު ކުޑަ މުއްދަތުގެ ތެރޭގައި ޓްރެކްމަތީ ދުވެލީ ވަނައަށެވެ.

މި މުބާރާތުގައި ރާއްޖެއިން ބައިވެރިވެ ހޯދި ކާމިޔާބީ އަކީ ދިވެހި އެހެން ކުދިންނަށް ނަމޫނާ އެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނެއް ކަމަކު، ރާއްޖެ އުފާ ކޮށްދިނީ ގައުމީ ފެންވަރުގަ އެވެ. އެއީ ހާއްސަ ދެ ކުދީންނެވެ. -- މަރުހަބާ ޝިފްނާ އާއި ވަސްމީ!