ހަބަރު

100 އަންހެނުންގެ ފެތުމުގައި ފަސްޓް ލޭޑީ

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނުން ބާއްވާ ހާއްސަ ފެތުމެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވާން ނިންމަވައިފި އެވެ. އަންހެނުންގެ ދުވަހާ ގުޅުވައިގެން ބާއްވާ މި ހަރަކާތުގައި ފަތާނީ ކ. ފުނަދޫން މާލެ އަށެވެ.

"ބްރޭކް ދަ ބެރިއާ" ގެ ނަމުގައި ބާއްވާ މި ފެތުން ކުރިއަށް ގެންދާނީ އަންނަ ހޮނިިހިރު ދުވަހު މެންދުރުފަހު 3:00 އިން 6:00 އަށް ފުނަދު އާއި މާލެ ދެމެދު އެވެ.

ލައިފްގާޑް އެސޯސިއޭޝަނުން ބުނި ގޮތުގައި މި ފެތުމުގައި އެކި އުމުރުފުރައިގެ 100 އަންހެނުން ބައިވެރިވާނެ އެވެ. އަދި އެ ބައިވެރިންނާއެކު ރައީސްގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ދިގު ފެތުމުގައި ބައިވެރިވާ ފެތުންތެރިން މިހާރު އަންނަނީ ހަރަކާތައް ތައްޔާރު ވުމުގެ ގޮތުން ފަރިތަކުރުންތައް ކުރަމުންނެވެ.

މި ހަރަކާތާ ގުޅިގެން ފުނަދޫ އާއި މާލެ ސަރަހައްދު ބަންދު ކުރާނެ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ފުނަދޫ އާއި މާލެ ދެމެދު ފެތުމުގެ ހަރަކާތް ބާއްވަން ހަމަޖައްސައިފައިވާތީ ކަމާނުބެހޭ އެއްވެސް އުޅަނދެއް އެސަރައްދުން ދަތުރު ކުރުން ނުވަތަ ފެތުމުގެ ހަރަކާތް ކުރިއަށް ގެންދާ ސަރަހައްދަށް ވަނުމަކީ މަނާ ކަމެކެވެ.

ފަސްޓް ލޭޑީ ފަޒްނާ ވަނީ މިދިއަ ޖަނަވަރީ މަހު ލ. ގަމުގައި ބޭއްވި ދުވުމެއްގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.