ދުނިޔެ

ބްރެކްސިޓް: މޭގެ އެއްބަސްވުން ތިންވަނަ ފަހަރަށް ފެއިލްވެއްޖެ

Mar 29, 2019

ލަންޑަން (މާޗް 29) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް ބޮޑުވަޒީރު ތެރޭސާ މޭ ހުށަހެޅުއްވި އެއްބަސްވުމަށް ޔޫކޭ ޕާލިމަންޓުން ތިންވަނަ ފަހަރަށް ނޫނެކޭ ބުނެފި އެވެ.

އެ އެއްބަސްވުމަށް މިއަދު ޕާލިމަންޓުގައި ނެގި ވޯޓު ފެއިލްވީ 344 މެމްބަރުން ދެކޮޅު ހެދުމުންނެވެ. މޭގެ އެއްބަސްވުމަށް ތާއިދުކުރީ 286 މެމްބަރުންނެވެ.

ނާކާމިޔާބީއަށްފަހު، މޭ ވިދާޅުވީ، ޔޫކޭގެ މުސްތަގުބަލު މިހާރު ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވާކަމަށާއި، ގާނޫނީ ގޮތުން ބަލާނަމަ، އަންނަ މަހު 12 ވަނަ ދުވަހު އީޔޫ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވާނެކަމަށެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ މޭ އިސްތިއުފާ ދެއްވުމަށްފަހު އަލުން އިންތިހާބަކަށް ޖާގަ ދިނުމަށް ގޮވާލައްވައިފަ އެވެ.

ޔޫކޭ ޕާލިމަންޓުގެ ނިންމުމާއެކު، އޭޕްރީލް 10 ގައި ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް އެ ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ނަތީޖާގެ މާނައަކީ، އެއްބަސްވުމެއް ފާސްކޮށްގެން މެއި 22 ގައި އީޔޫން ވަކިވުމުގެ ފުރުސަތު ގެއްލުނީ އެވެ. މިހާރު އޭޕްރީލް 12 ގެ ނިޔަލަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކުރަން އީޔޫގައި އެދުމަށް މޭ އަށް މަޖުބޫރުވާނެ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައި ވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭ ގޮތުންނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމު ނުކުރުމަށް ހިމަނާފައި ވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަ ކުރައްވާފަ އެވެ.

އެ ކަންބޮޑުވުންތަކާއި ގުޅިގެން، އީޔޫގެ އިސްވެރިންނާއެކު މަޝްވަރާކުރުމަށްފަހު، އަޔަލަންޑުގެ ބޯޑަރުގައި ގާއިމުކުރާ ކަސްޓަމްސް ޕޯސްޓް ދާއިމީ ނުވާނެގޮތަށް، ގާނޫނީ ބާރުލިބޭ ކަރުދާހެއް އެއްބަސްވުމުގެ ތެރޭގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ނަމަވެސް، ގިނަ މެމްބަރުން ވިދާޅުވަނީ އެކަމާއި ގުޅޭގޮތުން އީޔޫ އިން މާބޮޑު ދޫތަކެއް ދީފައިނުވާކަމަށާއި، އިތުރު ގާނޫނީ ބާރުވެރިކަމުގެ ކަރުދާސް އެކަށީގެންނުވާ ކަމަށެވެ.