ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ޔެންސް ސްޓޮލްޓަންބާގްގެ ދައުރު މިއަހަރު ނިމޭތަނުން ހަމަވާނެ އެވެ. އޭނާ އަކީ ނޯވޭއަށް ނިސްބަތްވާ ސިޔާސީ ލީޑަރެކެވެ.
މިހެން ކަން އޮތުމުން ނޭޓޯއަށް ވެރިއަކު -- ސެކްރެޓަރީ ޖެނެރަލަކު ހޯދުން މިހާރު އޮތީ އެ ޖަމާއަތުގެ މަޝްވަރާ ލިސްޓްގައި، މެމްބަރު ގައުމުތަކަށް ހުޅުވާލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަމުދާ ކިތަންމެ ބަޔަކު މިހާރު ތިބީ ހުނިޖަހާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގަރޭޓް ތެޗާ ވެސް ހިމެނެ އެވެ.
އިނގިރޭސި ދިފާއީ ވަޒީރުގެ މަގާމުގައި މިހާރު ހުންނެވި ބެން ވޮލަސް އަކީ ވެސް ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ކުފޫހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި އޮތީ ލިސްޓްކޮށްފަ އެވެ. އެހެން ނަމަވެސް، އެ މަގާމަށް ބެން ވޮލަސް ހަމަޖެއްސުމަކީ ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ދެކެވަޑައިގަންނަވާ ގޮތުގައި، ރަނގަޅު ގޮތެއް ނޫނެވެ.
ސަބަބަކީ އިނގިރޭސިވިލާތަކީ މިހާރު ޔޫރަޕިއަން ޔޫނިއަނަށް ނިސްބަތްވާ ގައުމަކަށް ނުވުމެވެ.
ފަރަންސޭސިވިލާތުގެ މި ގަބޫލުކުރުމަކީ ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު އެހެން ގައުމުތަކަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެވެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ފަރަންސޭސިވިލާތުން މިހާރު ވަނީ މި މައްސަލަ ރަސްމީކޮށް ނޭޓޯއަށް ހުށަހަޅާފަ އެވެ. އަދި ފަރަންސޭސިވިލާތަށް އެންމެ ރަގަޅު ގޮތް ވެސް ވަނީ ކިޔައިދީފަ އެވެ.
އިނގިރޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަންގައި މިހާރު އެއްވެސް ހައިސިއްޔަތެއް އޮތް ގައުމަކަށް ނުވާތީ -- ނޭޓޯގެ ނިންމުތަކަށް ޚިޔާލު ހުށަހަޅައި ފާޑުނުކިޔުމަށް ވެސް ފަރަންސޭސިވިލާތުން އިނގިރޭސި ސަރުކާރަށް ވަނީ އަންގާފަ އެވެ.
ފަރަންސޭސިވިލާތުގެ މި ވިސްނުމަކީ، ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ނުފޫޒުން ނޭޓޯ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އެމެރިކާ ބުނާހާ ގޮތަކަށް ކަމެއް ނިންމަފާނެ ވެރިޔަކު ނޭޓޯއަށް އައްޔަންކުރުމަކީ ޔޫރަޕްގެ ޒާތީ ސިފަ ކެނޑިގެންދާނެ ކަމެއް ކަމަށް މެމްބަރުން ގަބޫލުކުރެ އެވެ.
ސްޓޮލްޓަންބާގަށް ނޭތޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތީ 2014 ގައެވެ. އޭނާގެ ދައުރު ސެޕްޓެމްބަރަށް ހަމަވާއިރު އެ މަގާމަށް އަދި ވަކި ބޭފުޅެއްގެ ނަން ފާހެއް ނުވެ އެވެ. ސްޓޮލްޓަންބާގަށް އިތުރު އެއް އަހަރު ދެއްވުމަށް އެމެރިކާ އެދިފައިވާ ކަމަށްވެސް މީގެ ކުރިން ވަނީ އިވިފަ އެވެ.